އައިޖީއެމްއެޗްގައި 75 އެނދުގެ އާ ވޯޑެއް އަންނަ މަސްތެރޭގައި ހުޅުވަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ސިލްސިލާ ޕޮޑްކާސްޓުގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މަރުކަޒުތަކުގެ ޚިދުމަތްތައް ފުޅާ ކުރެއްވުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އާބާދީގެ ދެބައިކުޅަ އެއްބައެއްހާ މީހުން މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާކަން ފާހަަގަކުރައްވާ ރައީސް ވިދާޅުވީ، މާލެ ސަރަޙައްދަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަން ޖެހޭ ކަމަށެވެ.
ރައީސް ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ.
މިގޮތުން އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން 75 އެނދުގެ މަޝްރޫޢެއް ނިންމަވައި، ޚިދުމަތް ދެވެން ފަށާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫޢުގައި ޖެނެރަލް ވޯޑުގެ ގޮތުގައި އިތުރު ކުރެވޭ 44 އެނދާއި، ހައި ޑިޕެންޑަންސީ ޔުނިޓް (އެޗް.ޑީ.ޔޫ) އެނދުގެ ގޮތުގައި އިތުރު ކުރެވޭ 15 އެނދާއި، 14 ޕްރައިވެޓް ޔުނިޓް ހިމެނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް