ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ބުނެފައިވާގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖައްސައި އެމް.އެމް.ޕީ.އާރު.ސީ/ވިޒިޓް މޯލްޑިވްސް އިން އެކަން ހާމަ ކުރެއްވީ، މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު އެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާ ހަމަސްދުވަހަށް ކުރިއަށް ގެންދަވާ، ބައިނަލްއަޤުވާމީ ކެމްޕޭނެއްގެ ފެށުމެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި މި މަސައްކަތް އިތުރަށް ހަރުދަނާ ކުރެއްވުމަށް، އެލް.އެފް.ސީ ޕާޓްނަރޝިޕްގެ ދަށުން، ވިޒިޓް މޯލްޑިވްސް އިން ވަނީ، މާރިޗު 27 ވަނަ ދުވަހު، އިނގިރޭސިވިލާތުގައި އައުޓްޑޯ ކެމްޕެއިނެއް ފައްޓަވާފައިއެވެ. ތިން މަސް ދުވަހުގެ މުއްދަތަށް މި ހަރަކާތް ކުރިއަށްދާއިރު، އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރުތައް ބޭނުންކުރެވޭނެއެވެ. މި ކެމްޕެއިނަށް ޚާއްޞަކޮށް ބްރޭންޑްކުރެވިފައިވާ 100 އަށް ވުރެ ގިނަ ޓެކްސީގެ އިތުރުން ބަސްތަކާއި، ލަންޑަން އަންޑަގްރައުންޑާއި ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަމާޒަކީ ރާއްޖޭގައިވެސް ހައި ޕާފޯމަންސް ޓްރެއިނިންގް، ނުވަތަ މަތީ ފަންތީގެ ތަމުރީނުތައް ހިންގޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމަށާއި މީގެ އިތުރުން ލީޑްސް ޔުނިވާސިޓީ އާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކުރައްވައި، ލީޑްސް ސިޓީގެ ކައުންސިލަރާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.
"މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން، ރެޑް ވޭއާއި އެލް.އެފް.ސީ އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ، އަދި ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ރާއްޖެއާއި ލިވަޕޫލް އެފްސީއާ ދެމެދު އޮތް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރުމަށް، ޖޮއިންޓް މާކެޓިންގ އިނީޝިއޭޓިވްސް، ނުވަތަ ދެފާރާތް ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގެވުމާ ގުޅޭ ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާނެ" ރައީސް އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުން އިތުރަށް ބުނެފައިވާގޮތުގައި މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢުއާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް ފަހެއް، ވާ ހޮނިހިރު ދުވަހު ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް