"އަސްލު ކޮން ރަށަކަށްތަ އަހަރުމެން ފުރަން މިއުޅެނީ....!" މޭޒު ދަށުގައި އިށީންނަމުން ނާޝިދު އަހާލިއެވެ.
"ދާ ރަށެއް ބަލާނެ ކަމެއް ނެތެއްނު....! މިފަހަރު މިދަނީ ދަރިފުޅުގެ ތި ފަޔަށް ބޭސްކުރާކަށްނު.... މިފަހަރު އިރާދަކުރެއްވިއްޔާ އެމީހާ ކައިރިން ތެޔޮ ދަމާލަނިކޮށް ދަރިފުޅު އެކީ ރަނގަޅުވާނެ.... ތިފައިގައި ވަރުޖެހި، އިރާދަކުރެއްވިއްޔާ ދަރިފުޅަށް އެއްވެސް މީހެއްގެ އެހީއާނުލާ ހިނގާބިނގާވެ އުޅެވޭނެ.... އެއީ ދިވެހި ބޭސްވެރިކަމަށް ވަރަށް މޮޅު މީހެއް.... ނުހިނގިފަ ތިބި ވަރަށް ގިނަ ކުދިން އެމީހާ ރަނގަޅުކޮށްފަ އެބަހުއްޓޯ...." ނާޝިދު ކައިރީގައި އިށީންނަމުން ސަމީރާ ވާހަކަ ދެއްކިއެވެ.
" އަހަރުމެން ހުރިހާ މީހުންގެވެސް އެދުމަކީ ތިއީ....! އިރާދަކުރެއްވިއްޔާ ނާޝިދުގެ ކުރީގެ ދިރިއުޅުން ނާޝިދުއަށް ހޯދައިދޭނަން...." ނާޝިދުގެ ބޮލުގައި ފިރުމާލަމުން ރާއިދު ބުނެލިއެވެ.
"ރާއިދު ނެތް ނަމަ ކިހިނެތް މިހާރު އަހަރުމެން އުޅޭނީ....! ރާއިދުގެ ތި އެހީތެރިކަން ދައްތަމެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ..." ރާއިދު އާ ދިމާއަށް ބަލާލަމުން ސަމީރާ ބުނެލިއެވެ.
"އަބަދުވެސް ނާޝިދުގެ އެންމެ ގާތުގައި ރާއިދު ހުންނާނަން....! ރާއިދުގެ އިތުރު މާގިނަ މީހުންތަކެއް ތިބީކީ ނޫން...." ސަމީރާ އާ ދިމާއަށް ބަލަން އިނދެ ރާއިދު ބުނެލިއެވެ.
ހެނދުނު ސައިބޮއިގެން ޢާއިޝާ ބޭރަށް ނުކުތްއިރު ޖޯލިފަތީގައި އިށީނދެލައިގެން ހުމޭދާ އިނެވެ. ހުމޭދާގެ ހާލު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ރަނގަޅު ވަމުންނެވެ. އެހެން ނަމަވެސް ހުމޭދާގެ މޫނުމަތީގައި ކުރިން އެހުންނަ އުފާވެރި ހިނިތުންވުމެއް މިހާރަކު ނުފެނެއެވެ. އެކަމަކު ހިތްހަމަ ޖައްސާލުމަށްޓަކައި ބައެއް ފަހަރު ޢާއިޝާ އާއެކީ ކުޑަކޮށް ބޭރަށްގޮސްލާ ހަދައެވެ.
"ހުމޭ ސައިބޮއިފިންތަ....؟ އަދިވެސް ތި ޚިޔާލުތައް ކުރުން ހުއްޓައެއް ނުލަން ދޯ.... ދެން ނުވިސްނަބަލަ... ވީ ކަމެއް އެވީ...! ދެން އެކަން ނުވާކަމަކަށް ނުވާނެއެއްނު.... ކެތްތެރިވާން ވާނެ... އެއްވެސް އަޅަކަށް ﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ...." ޢާއިޝާ އައިސް ހުމޭދާ ގާތުގައި ޖޯލީގައި އިށީންނަމުން ސުވާލުކޮށްލިއެވެ.
"އަދި ސަޔެއް ނުބޮން....! މަންމަ ފެންނަން ނެތީމަ، މަންމަ އަންނަންދެން ސައި ނުބޮއި މަޑުކޮށްލީ.... މިހެން އެކަނިވާ ވަގުތު ވިސްނެނީ ހަމަ އަހަރެން ދަރިފުޅާ ދޭތެރޭ.... އަނެއްކާ ނާޝިދު....! ނާޝިދުގެ ސިފައިގައި ޖިންނިއަކު އައިސް ކިހާބޮޑު ލަނޑެއް އެދިނީ.... ނާޝިދު މިހާރު އުޅޭނެ ހާލެއްވެސް ނޭނގެ.... އެހެންވީމަ އެހުރިހާ ކަމަކާ މި ވިސްނެނީ.... ޢާއިޝާ ތަންކޮޅެއް ކުރިން ބުނީމެއްނު ރާއިދު، ޢާއިޝާއަށް ނާޝިދުގެ ފޮޓޯވެސް ދެއްކިއޭ.... ނާޝިދު އަކީ ހުމޭގެ ބިޓޭ.... އެކަމަކު ކަންތައް މިވީ ގޮތުން މަންމަވެސް ބޭބެވެސް މިކަން ޤަބޫލެއް ނުކުރާނެ އެއްނު.... ޤަބޫލު ކުރެވޭ ކަހަލަ ގޮތަކަށްވެސް ނޫނެއްނު ކަންތައް ވެގެން މިދިޔައީ...." ޢާއިޝާގެ ސުވާލަށް ހުމޭދާ ޖަވާބު ދިނެވެ.
"ނޫނޭ.... ޢާއިޝާ، ހުމޭގެ މަންމައަށާއި، ބޭބެއަށް ހުރިހާ ވާހަކައެއް ކިޔައިދިނިން.... ހުމޭ، ޢާއިޝާއަށް ކިޔާދީފަހުރި ހުރިހާ އެއްޗެއް މަންމަމެންނަށް މިހާރު އެނގޭނެ.... އެމީހުންނަށް މިހާރު އެނގޭ ހުމޭގެ ލޯބި ހޯދަންވެގެން ނާޝިދުގެ ސިފައަށް ވެގެން އެޖިންނި އައިސް އުޅުނީކަން.... ނާޝިދަކީ އުޅޭ މީހެއްކަން އެމީހުންނަށް އެނގޭނެ މިހާރު....! ދެން އެކަމާ ނުވިސްނާ.... މަންމަމެން ބޭނުންވަނީ މިހާރު ހުމޭ އެކަންތައް މަތިން ހަނދާން ނައްތާލާފައި އުފަލުގައި އާ ދިރިއުޅެއް ފަށައިގެން އުޅޭތަން ދެކެން....! މަންމަމެން މިހާރު ބޭނުން އަސްލު ނާޝިދު ހޯދަންވެސް.... ޢާއިޝާއަށް އިނގޭ ލާމިހުގެ ހުރިހާ ކަމެއްވެސް.... ލާމިޙު އޭ ކިޔައިގެން އަހަރުމެންގެ ތެރެއަށް އައިސް އުޅުނީވެސް އިންސާނެއް ނޫންކަން.... ނަޞީބެއް ޢާއިޝާ އެކަމުން ސަލާމަތްވިކަން...." ޢާއިޝާ އަށް އެނގޭ ހުރިހާ އެއްޗެއް ޢާއިޝާ ހުމޭދާއަށް ކިޔައިދިނެވެ.
"ކިހިނެތް ލާމިޙުގެ ކަންތައް ޢާއިޝާއަށް އެނގުނީ....؟ އަދި އެވާހަކަ ޢާއިޝަ އާ ދައްކަން ރަނގަޅު ވަގުތެއް ނުލިބިގެން ހުމޭ މިހުންނަނީވެސް...." ޢާއިޝާ އާއި ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.
"ކަންތައްވީ ގޮތުން އެނގޭނެއެއްނު.... ލާމިޙު އަކީ ނާޝިދުގެ ސިފައިގައި މިތަނަށް އައިސް އުޅުނު އެ ޖިންނީގެ ކޮއްކޮއެކޭނު ބުނީ.... އެހެންވީމަ އެއީވެސް އިންސާނަކަށް ނުވާނެ އެއްނު... އެވާނީ ހަމަ ޖިންނިއަކަށްތާ....! އެހެން ނޫނަސް ޝައްކުވާ ކަންތައްތަކެއްވެސް ފެނުނެއްނު.... ގޭގަ އެހުރިހާ ދުވަހު އުޅުނުއިރުވެސް ގޭގަ ކައްކާ އެއްޗެއް ކެވެނީކީ ނޫން... ދުވަހަކުވެސް އެއްވެސް އެއްޗެއް ކާތަނެއް ފެންފޮދެއް ބޯލާތަނެއް ނުފެނެ.... އިންސާނެއްނަމަ އެއްޗެއް ނުކައި ފެންފޮދެއް ނުބޮއި ހުރެވޭތަ....! ކޮންމެ ރެޔަކު ދަންވަރު ބޭރަށްދަނީވެސް ކޮންމެވެސް ކަމަކުތާ....! ނަޞީބެއްނު އަމިއްލަ މިތަނުން ދިޔަކަން...." ހުމޭދާއާ ދިމާއަށް ބަލަން އިނދެ ޢާއިޝާ ވާހަކަ ދެއްކިއެވެ.
"އަމިއްލައަށް ދިޔައީކީ ނޫނޭ...!. ޢާއިޝާ އާ ކައިވެނިކުރަން އޭނަގެ މީހުން އެއްބަސްނުވީމަ އެމީހުން ކައިރިއަށް ރުހުން ހޯދާށޯ ދިޔައީ.... ދިޔަތަނާ އެތަނުގައި ކަސްތޮޅު އަޅުވާފަ ބޭއްވި ކަމަށްވަނީ...." ހުމޭދާވެސް ހުމޭދާއަށް އެނގޭ ވަރަކަށް ބުނެދިނެވެ.
"ހުމޭގެ މަންމަމެން މިހާރު ބޭނުންވޭ އަސްލު ނާޝިދު ހޯދަންވެސް.... މާލެއަށްދާ ވާހަކަވެސް ދެއްކި.... މަންމަމެން މިހާރު ބޭނުންވަނީ ހުމޭ އުފަލުގައި އުޅޭތަން ދެކެން.... މަންމަމެންމަށް އިނގޭ ނާޝިދު އާ ނުލާ މިހާރު ހުމޭއަކަށް އުފަލުގައެއް ނޫޅެވޭނެކަންވެސް...." ހުމޭދާ އާ ދިމާއަށް ބަލަން އިނދެ ޢާއިޝާ ވާހަކަ ދެއްކިއެވެ.
"ތިކަން ތިހެން ވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު...! އެކަމަކު ކިހިނެތް އެނގެނީ މިހާރު ނާޝިދު އަހަންނާ ނުލާ އެހެން ދިރިއުޅުމެއް ނުފަށާކަމެއްވެސް.... ކޮންމެ ގޮތެއްވިޔަސް އެނގޭ އެއްޗަކީ އެޖިންނި ނާޝިދުއަށް ވަރަށް ވަރުކޮށްލާފަކަން އައިސް މިތާނގައި އެއުޅުނީ.... ޝައްކުވާ ބައިވަރު ކަންކަން ފެންނަމުން ދިޔައިރުވެސް ދެރައީ އެހާ ދުވަސްވީއިރުވެސް އެކަންކަމަށް ހުމޭއަށް ވިސްނާނުލެވުނުކަން..... މިހާރު ވިސްނާލީމާ އެކަންކަން މިއެނގެނީ...." އިސްދަށަށް ޖަހައިގެން އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.
"ދެން ތިވާހަކަ ނުދައްކާ.... ދެއްކިދެއްކިހެން ބޯ ގޮވާނީ.... އިތުރު ކަމެއް ނުވާނެ.... ވެ ނިމުނު ކަމެއް ދެން ބަދަލެއްވެސް ނުވާނެތާ....! އިރާދަކުރެއްވިއްޔާ މިހާރު ތިހިރީ ތި ހުރިހާ ކަމަކުން ސަލާމަތްވެފައި.... ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ....! ދެން ކޮންއިރަކުން ސައިބޯންދާނީ....؟ ހިނގާ ދާން....! މިހާރު އަށްގަޑި ބައިވަނީ...." އަތުގައި އޮތް ގަޑިއަށް ބަލާލަމުން ޢާއިޝާ ބުނެލިއެވެ.
"މަންމަ އަންނަންދެން މިމަޑު ކުރަނީ.... މަންމަ އައިމަ ސައިބޯނީ...." ޢާއިޝާގެ ސުވާލަށް ހުމޭދާ ޖަވާބު ދިނެވެ.
ހީވަނީ ހަސީނާއްތަ ދިޔައީ މަންމައާއެކީ ގެސްޓު ހައުސްއަށްހެން.... މިއަދު ގެސްޓްހައުސްއަށް ބަޔަކު އަންނަ ވާހަކަ ބައްޕަވެސް ހެނދުނު ބުނި.... ހެނދުނު އެތަން ސާފުކޮށްލަންދާ ވާހަކަ ބުނި.... ވެދާނެ އެންމެން ދިޔައީ ކަމަށް...." ހުމޭދާ އާ ދިމާއަށް ބަލަން އިނދެ ޢާއިޝާ ވާހަކަ ދެއްކިއެވެ.
"އެހެންތަ....؟ އަދި އަލަށްދޯ ބަޔަކު އެއަންނަނީ....؟" ހުމޭދާ، ޢާއިޝާ އާ ސުވާލުކޮށްލިއެވެ.
"އާނ.... ހަމަ ކުއްލިއަކަށް ބަޔަކު އަންނަން އެ ހަމަޖެއްސީ.... ވަރަށް ބޮޑަށް ސާފުކުރަންޖެހޭނެ އެތަން.... މުޅި ގޯތިތެރެ ކުނިކަހަން ޖެހޭނެ.... ހިކިފަތްތަކުން ފުރިފަ އެތަން އޮންނާނީ.... ހިނގާ ސައިބޮއިގެން މަންމަމެންނަށް ހެލްޕްވާން އެދިމާއަށް ދަމާ...." ޢާއިޝާ ވާހަކަ ދެއްކިއެވެ.
"އާނ.... ސައި ބޮއިގެން މިއަންނަނީ އިނގޭ....! ކޮންއިރަކު ޢާއިޝާ މާލެދަނީ.... ހިތަށް މިއަރަނީ މިފަހަރު ޢާއިޝާ ދާއިރު މާލެ ގޮސްލަން މަންމަމެންނާ ވާހަކަ ދައްކަންވީޔޭ...! ކިހާދުވަހެއް ވެއްޖެ މާލެ ނުދާތާ...." ޖޯލިން ތެދުވަމުން ޙުމޭދާ ވާހަކަ ދެއްކިއެވެ.
"ދެން ނެތް މާގިނަ ދުވަހެއް.... އަންނަމަސް ފެށުމުގެ ކުރިން ދާންޖެހޭނެ.... އަންނަ މަހު ފަސްޓުވީކްގައި ފައިނަލް އެގްޒާމް އެބައޮތް.... ކޮލެޖަށް ގޮސްގެން ހަދަންޖެހޭ އެގްޒާމެއް އެއީ.... އެހެންވީމާ ފަސްޓުވީކްގެ ކުރިން މާލެއަށް ދާންޖެހޭނެތާ....! ހުމޭ ދަންޏާ ޢައިޝާވެސް ފޫހިފިލާނެ.... އަނެއްކާ ހުމޭގެ މަންމަމެންވެސް މާލެދާ ވާހަކަ ދައްކާފައޮތީ...." ހުމޭދާ އާއެކު ޖޯލިން ތެދުވަމުން ޢާއިޝާވެސް ބުނެލިއެވެ.
އެވަގުތު ބޭރުން އައިސް ގޭތެރެއަށްވަނީ ނާޞިރު އެވެ.
"ކޮބާ މަންމަމެން....؟ އެތަން ސާފުކޮށް ނިމުނީތަ....؟ ނާޞިރު ފެނުމުން ޢާއިޝާ ސުވާލުކޮށްލިއެވެ.
"ނޫނޭ.... އަދި ނުނިމޭ.... ވަރަށް ހިރަފުސް އެބައޮތް.... މުޅިގޯތި ތެރެ ފުރެންދެން ހިކިފަތްތައް... ސާފުކޮށް ނިންމާފަ އެނދުތައް ތަންމަތި އަޅާފަ މަންމަ މެން އަންނާނީ....! ބައްޕަ މިއައީ ބެޑްޝީޓްތައް ބަލާ....! ކުއްލިއަކަށް ބުކިން ހެދީމަ މިހާ އުނދަގޫ މިވީ.... ދަރިފުޅުމެންވެސް ހިނގާ މަންމަމެންނަށް ހެލްޕު ވާން...." ނާޞިރު ގޭތެރެއަށް ވަންނަމުން ބުނެލިއެވެ.
"ހުމޭ ސައިބޯން އެދިޔައީ.... ސައިބޮއިގެން އައިމަ މިދަނީ....! ބައްޕަ ދޭ....!" ބައްޕައާ ވާހަކަ ދެއްކުމަށްފަހު ޢާއިޝާވެސް ވަނީ ގޭތެރެއަށެވެ.
"ބައްޕަ ބެޑްޝީޓްތައް ހިފައިގެން ދާނަން.... ބައްޕައަށް ހީވަނީ އެމީހުން ރިސީވް ކޮށްގެން ގެސްޓްހައުސް އަށް ގެންނަން އެއަރޕޯޓަށް ދާންޖެހޭނީ ދަރިފުޅުހެން.... އެގާރަގަޑި ފަންސާސް ފަހެއްގައި ފްލައިޓް ޖައްސާގޮތަށްއޮތީ.... ބައްޕަ ގޮސްގެން އެމީހުން އަންނަންވާއިރަށްވެސް ކަންތައްތައް ނިންމާލެވޭނެ ހެނެއް ހީއެއްނުވޭ.... އެހެންވީމާ ދަރިފުޅު އިބްރާހީމްބޭ އާއެކު އެއަރޕޯޓަށްދާނީ.... ބައްޕަ އޮންނާނެ އިބްރާހީމްބޭ ގެންގުޅޭ ވޭން ހަމަޖައްސާފައި.... އެގާރަގަޑި ސާޅިސް ފަހެއްގައި މިކޮޅުން ނައްޓާލީމަ އެމީހުން އެއަރޕޯޓުން ނުކުންނަށްވާއިރަށް ދެވޭނެ.... ބައްޕަ އިބްރާހީމްބޭ ކައިރީގައި ބުނާނަން ދަރިފުޅު ގުޅާނެޔޭ...." ނާޞިރު ބޭރަށް ނުކުންނަމުން ވާހަކަ ދެއްކިއެވެ.
"ހުމޭ ސައިބޮއި ނިމުނީމަ ކުޑައިރުކޮށްޅެއް ތެރޭ މިދަނީ އިނގޭ....! އެކަމަކު އެމީހުން ފާހަގަ ކުރާނެ ގޮތެއްވެސް ނޯންނާނެ އެއްނު..." ޢާއިޝާވެސް ބައްޕައާ ވާހަކަ ދެއްކިއެވެ.
"ތީ މާއުނދަގޫ ކަމެއް ނޫނެއްނު.... އިބްރާހީމްބޭ ދަންނަ ބަޔެކޯ އެއީ....! އެހެންވެ އިބްރާހީމްބޭގެ ވޭން ހަމަޖެއްސީވެސް ވޭނަށް ފޮށިތައް އަރުވާނީ.... އިބްރާހީމްބޭގެ ކާރުވެސް އޮންނާނެ.... ހުރިހާ ކަމެއްގައި އިބްރާހީމްބޭ ހެލްޕްވާނެ.... ދަރިފުޅު މާބޮޑުކަމެއް ކުރާކަށް ނުޖެހޭނެ.... ހަމަ އެމީހުން ރިސީވް ކޮށްލައިގެން ގެސްޓްހައުސްއަށް ގެންނަންވީ....." ނާޞިރު ހަދަންވީގޮތް ޢާއިޝާއަށް ކިޔައިދިނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 04 އޭޕްރީލް 2024، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް