ހަތަރު ރަށެއްގައި އެޅުމަށް ހަމަޖައްސާފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުގެ މަސައްކަތް ޗައިނާގެ ޗައިނީސް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާއާ) އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ. ސިޑްކާއާގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗެއާމަން ދިން ބޯ ޖިން އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދުގެ ސޮއި ކުރި އެއްބަސްވުމަށް ފަހު އެ ހޮސްޕިޓަލުތަކުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ އުއްމީދަކީ ޗައިނާއާއެކު ކުރަމުންދާ މަސައްކަތްތަކުގައި ދެ ފަރާތުގެ ގުޅުން އެއް ދުވަހުން އަނެއް ދުވަހަށް ބަދަހިވެގެން ދިއުން ކަމަށެވެ.
ޝާހިދުގެ ވާހަކަފުޅުގައި ވަނީ ޗައިނާއިން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ވެސް މުހިންމު މަންޒިލެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މި ހޮސްޕިޓަލްތަކުގެ މަސައްކަތަކީ މީގެ ކުރިން އިންޑިއާގެ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) ހަވާލު ކުރި މަސައްކަތްތަކެވެ. ހެލްތް މިނިސްޓްރީން ބުނީ ޗައިނާގެ ކުންފުންޏާއި މަސައްކަތް ހަވާޅު ކުރީ އަވަސް ކުރުމަށް ކަމަށެވެ.
ދެން އެ ކުންފުންޏާއި ހަވާޅު ކުރީ ސިނަމާލޭ ބްރިޖު މެއިންޓަނެންސް މަސައްކަތާއި ދާރުލްއާސާރު ބެލެހެއްޓުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް