މޯލްޑިވިއަންގެ ތިންވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ ގެނެސްފި

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެ ކުންފުނީގެ ތިންވަނަ އޭޓީއާރު މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ. މިއަދު ރާއްޖެ ގެނައި މި ބޯޓަކީ އޭޓީއާރު 42 މަރުކާގެ ބޯޓެކެވެ. 42 ޕަސިންޖަރުންގެ ޖާގައިގެ މ...

02 Apr 2023 | 17:28

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެ ކުންފުނީގެ ތިންވަނަ އޭޓީއާރު މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.

މިއަދު ރާއްޖެ ގެނައި މި ބޯޓަކީ އޭޓީއާރު 42 މަރުކާގެ ބޯޓެކެވެ. 42 ޕަސިންޖަރުންގެ ޖާގައިގެ މި ބޯޓާއެކު މޯލްޑިވިއަންގެ ފްލީޓްގެ އަދަދު މިހާރު މިވަނީ 15 އަށް އަރާފައެވެ.

މިދިޔަ ޖަނަވަރީ މަހުގައިވެސް މޯލްޑިވިއަން އިން އޭޓީއާރު 72 މަރުކާގެ ދެ މަތިންދާ ބޯޓު ރާއްޖެ ގެނެސްފައިވާއިރު މި މަތިންދާބޯޓުތައް މޯލްޑިވިއަން އިން ގެންނަމުންދަނީ އެ އެއާލައިނުން ބޭނުން ކުރަމުން އަންނަ ޑޭޝް މަރުކާގެ ބޯޓުތަކުގެ ބަދަލުގައި އޭޓީއާރު ބޯޓުތައް ގެނައުމަށް 2021 ވަނަ އަހަރުގެ ޖަނަވަރީމަހު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ. ކުރިން ގެނައި ދެ ބޯޓުގެ ކޮމާޝަލް ދަތުރުތައް ޖަނަވަރީ މަހު ފަށާފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ އާ ބޯޓަށް މަރުހަބާ ވިދާޅުވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާޢިޝަތު ޖެނިފާ އެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖެނިފާ ވިދާޅުވީ އެކުންފުނިން ނިންމާފައިވަނީ ޑޭޝް މަރުކާގެ ބޯޓުތައް ނުގެނައުމަށް ކަމަށެވެ. ބަދަލުގައި މި އަހަރާއި 2024 ވަނަ އަހަރު ތެރޭގައި އެއްކޮށް ބޯޓުތައް އާ ކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

ޖެނީފާ ވިދާޅުވީ، މީ މިއަހަރު ތެރޭގައި ގަތް ބްރޭންޑް ނިއު 3 ވަނަ އެއަރކްރާފްޓް ކަމަށެއެވެ. ކުންފުނީގައި ހުރީ 20 އަހަރަށް ވުރެއް ގިނަ ދުވަހު ބޭނުންކޮށްފައި ހުރި ބޯޓްތަކަކަށް ވުމުން ބޯޓްތަކުގެ މެއިންޓަނަންސް ފީއަށް ފުދޭވަރަކަށް ބޮޑު ހަރަދެއް ދާކަމަށެއެވެ.

https://twitter.com/dhuvasmv/status/1642579280982073345

މޯލްޑިވިއަންއިން ބުނެފައިވާގޮތުގައި އާ މަތިންދާބޯޓު ގެންނަން އެ އެއާލައިނުން ނިންމީ މިހާރު ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތައް ބާވުމާއި މެއިންޓަނަންސް މައްސަލަތައް ދިމާވުން އިތުރުވުމާއި އަދި ފްލައިޓް ޝެޑިއުލްތަކަށްވެސް ބުރޫ އަރާ މައްސަލަ ހައްލުކުރުމުގެ ބޭނުމުގައެވެ. އަލަށް ގެންނަ މި މަތިންދާ ބޯޓުތަކާއެކު ޝެޑިއުލް ތަކަށް ބުރޫ އެރުމުގެ މައްސަލަ ކުޑަވެގެންދާނެކަމުގައި މޯލްޑިވިއަން އިން ގަބޫލު ކުރެއެވެ.

މޯލްޑިވިއަނުން ގެންނެސްފައިވަނީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ. މީގެތެރެއިން އޭޓީއާރު 72 މަރުކާގެ 2 ބޯޓު މިހާރު ވަނީ ޚިދުމަތުގައި ބޭނުންކުރަން ފަށާފައެވެ.

މޯލްޑިވިއަންއިން ބުނީ މިއަދު ގެނައި ބޯޓުވެސް މަސް ދުވަސް ތެރޭގައި އޮޕަރޭޝަނަށް ނެރޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް