ލ. ގަމުގައި މިހާރު ކުރިއަށް ދާ ލ.ގަމު ތުނޑީ ކައުންސިލް ރަމަޟާން ފުޓްސަލް ކަޕްގައި ރޭ ކުޅުނު މެޗުތަކުން ސެންޓްރަލް އޭރިއާ ކޮމާންޑާއި ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކުލަބް އަދި ރަސް ހިންނެ އެސްސީ މޮޅުވެއްޖެއެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ އައިޑަލްސް އާއި ސެންޓްރަލް އޭރިއާ ކޮމާންޑް އެވެ. މިއީ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި ދެޓީމުންވެސް ކުޅުނު ދެވަނަ މެޗެވެ. ރޭގައި މި ދެޓީމު ބައްދަލުކުރި މެޗު 2-5 އިން ކާމިޔާބު ކުރީ ސެންޓްރަލް އޭރިއާ ކޮމާންޑްއެވެ. މިއީ ސެންޓްރަލް އޭރިއާ ކޮމާންޑް ޓީމުން މި މުބާރާތުގައި ޖެހިޖެހިގެން ހޯދި ދެވަނަ މޮޅެވެ. އަދި އައިޑަލްސް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ.
މިހާރު މި ދެޓީމުގެ ހާލަތަށް ބަލާއިރު، ދެ ޓީމަށް ވެސް ގްރޫޕް ސްޓޭޖުގައި އަދި ބާކީ އެއްމެޗު އެބައޮތެވެ. ނަމަވެސް ދެ މެޗުންވެސް ބަލިވި އައިޑަލްސް އަށް މުބާރާތުގެ ކުއާޓާއަށް ދިއުމުގެ ފުރުސަތު މިހާރުވަނީ މުޅިންހެން ބަންދުވެފައެވެ. ނަމަވެސް ރޭގެ މެޗުން މޮޅުވި ސެންޓްރަލް އޭރިއާ ކޮމާންޑް ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލް މިހާރުވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.
ރޭގެ ދެވަނަ މެޗުގައި ލާމު ޔޫތް މޫވްމަންޓް އާއި ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކުލަބް ބައްދަލުކުރި އިރު، މި މެޗު ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ބްރޭވް ޖެނެރެޝަން ސްޕޯޓްސް ކުލަބުންނެވެ. އެޓީމުން މި މެޗު ކާމިޔާބު ކުރީ 0-12 ގެ ނަތީޖާއިންނެވެ. ބްރޭވް ޖެނެރޭޝަން ރޭގެ މެޗުން މޮޅުވިއިރު، އެޓީމުން ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. އަދި ލާމު ޔޫތް މޫވްމަންޓް ރޭގެ މެޗުން ބަލިވިއިރު، އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން ދެ ޓީމަށް ވެސް ހަމަހަމަކޮށް ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ދެތީމަށް ވެސް އަދި ކުއާޓާގެ ފުރުސަތު އެބައޮތެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލާމު ޔޫތް މޫވްމަންޓް ބައްދަލުކުރާނީ ސެންޓްރަލް އޭރިއާ ކޮމާންޑާއެވެ. އަދި ބްރޭވް ޖެނެރެޝަން ބައްދަލުކުރާނީ އައިޑަލްސް އާއެވެ.
ރޭގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ރަސް ހިންނެ އެސްސީ އާއި ފޮއެމަތި އެފްސީއެވެ. މި މެޗު 1-4 އިން ކާމޔާބު ކުރީ ރަސް ހިންނެ އެސްސީންނެވެ. މިއީ ފޮމެމަތި އެފްސީން މި މުބާރާތުގައި ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އަދި ރަސް ހިންނެ އެސްސީން ހޯދި ފުރަތަމަ މޮޅެވެ. މި މެޗުން ފޮއެމަތި އެފްސީ ބަލިވުމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް އޮތް ފުރުސަތު އެޓީމަށް މިހާރުވަނީ ބަންދުވެފައެވެ. ނަމަވެސް ރަސް ހިންނެ އެސްސީއަށް އަދި ކުއާޓާގެ ފުރުސަތު ނުގެއްލެއެވެ.
މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް
21:00 އައުޓްރީފް އެސްސީ - އަނދިރިއަންސް
22:30 ފޮއެމަތި- ރަސް ހިންމެ ޑިޓްރޮއިޓްސް
23:30 ބެސްޓް ބޯއީޒް - މަތިވަރު ޖޭއާރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް