ނައިބު ރައީސް ފައިސަލް، ޗައިނާގެ އައިޑީސީއޭގެ ވައިސް ޗެއާމަނާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީގެ ވައިސް ޗެއަރމަން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމ...

02 Apr 2023 | 09:29

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީގެ ވައިސް ޗެއަރމަން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ވައިސް ޗެއަރމަން، ޑަން ބޮކިންގ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސީ.އައި.ޑީ.ސީ.އޭގެ ވައިސް ޗެއަރމަން ވަނީ، ދިވެހިރާއްޖެއާ ޗައިނާގެ 50 އަހަރުވީ ބަދަހި ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ފާއިތުވެ ދިޔަތަނުގައި، ދެޤައުމުގެ ގުޅުންބަދަހިވެ، ވެވިފައިވާ އެއްބަސްވުންތަކާ ގުޅޭ ގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައިވާކަން ފާހަގަކުރައްވައި، ފާއިތުވެ ދިޔަ އަހަރުތަކުންފެށިގެން ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙުމަތްތެރިކަމުގެ ގުޅުން ކުރިޔަށް އޮތްތަނުގައިވެސް އެގޮތުގައި ދަމަހައްޓާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި ޞިއްޙީ ޚިދުމަތްތަކާއި ޢުމުރާނީ ތަރައްޤީގެ އިތުރުން، މޫސުމީ ބަދަލުތަކާގުޅިގެން ފިޔަވަޅުތައް އެޅުމާއި، މޫސުމީބަދަލުތަކަށް ހޭނުމާއި، އެނޫންވެސް މުހިއްމު ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން، މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ނުރައްކާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުންވެސް ބޭނުންވާކަން ފާހަގަކުރައްވައި، ވިލުންވެެރި މުޖުތަމަޢެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޚާއްޞަގޮތެއްގައި ބޭނުންވެފައި ވަނީ، މާލީ އެހީކަން ރައީސުލްޖުމްހޫެރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ވައިސް ޗެއަރމަންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާ ޗައިނާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ މިގުޅުން، ކުރިޔަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް