މާލޭގެ 353 ވަނަ ކޮށްޓާއި އެތަނުގައި ހަދާފައިވާ ގުދަނަކީ ޔޫތް މިނިސްޓްރީގެ ތަނެއްކަން ހާމަކޮށްދޭން އެ މިނިސްޓްރީން ހެކިތަކެއް އާންމު ކޮށްފި އެވެ.
މި ގުދަނުގެ މައްސަލަ ބޮޑުވީ އިއްޔެ ރޭ ޔޫތް މިނިސްޓްރީގެ ހުއްދައެއް ނެތި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން އެތަނަށް ވަދެ އެތަނުގައި ހުރި ސާމާނުތަކެއް ގެންދިއަކަމަށް އެ މިނިސްޓްރީން ބުނި ހިސާބުން ބުނެވެ. މި މައްސަލައިގަ ސިޓީ ކައުންސިލުން ވަނީ އެއީ އެ ކައުންސިލްގެ ތަނެއްކަން ސާބިތު ކޮށްދިނުމަށް އިއްޔެ ހެކި އާންމު ކޮށްފައި އެވެ.
ޔޫތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކޮށްޓަކީ ކުޅިވަރުގެ ބޭނުންތަކަށް ކަނޑައަޅައި މޭ 15، 2019 އިގައި އެ މިނިސްޓްރީ އަށް ޕްލޭނިން މިނިސްޓްރީން ދޫކޮށްފައިވާ ބިމެކެވެ. އަދި އެ ބިމުގެ "ޑިވެލޮޕްމަންޓް ކޮންޓްރޯލް" ނޮވެމްބަރު 27، 2019 ގައި ޕްލޭނިން މިނިސްޓްރީން ޔޫތު މިނިސްޓްރީ އަށް ދީފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ވަނީ އެ މިނިސްޓްރީއަށް ބިން ދިން ކަމުގެ ލިޔުންވެސް އާންމުކޮށްފައި އެވެ. ސިޓީގެ އިތުރުން، އެ ބިމުގައި ހަދަން ނިންމާފައިވާ ސްޕޯޓްސް ސެންޓަރުގެ ކުރެހުން ފާސްކުރުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ދެމެދު އެކި ތާރީހުތަކުގައި ބަދަލުކޮށްފައިވާ ސިޓީތައް ވެސް ޔޫތު މިނިސްޓްރީން މިއަދު އާންމުކުރި އެވެ.
އޭގެ ތެރޭގައި ސްޕޯޓްސް ސެންޓަރުގެ ކުރެހުން ފާސްކުރުމަށް ބޭނުންވާ އިތުރު ލިޔުންތައް ފުރިހަމަ ކުރަން އަންގައި ސިޓީ ކައުންސިލުން 2021 ވަނަ އަހަރު ސިޓީ ކައުންސިލަށް ޔޫތު މިނިސްޓްރީ އަށް ފޮނުވި ސިޓީ ވެސް އާންމުކުރި އެވެ.
ޔޫތް މިނިސްޓްރީން ބުނީ އިއްޔެރޭ ގުދަނުގެ ތަޅު ހަލާކުކޮށްލައި، އެ ތަނުގައި އާ ތަޅެއް ލައި، އެ ތަޅުދަނޑި އަމިއްލަ ފަރާތަކާ ކައުންސިލުން ހަވާލު ކޮށްފައިވާ ކަމަށެވެ. ގުދަނުން ތަކެތި ނެރުނީ ގަވައިދާ ހިލާފަށް ކަމަށާއި އެކަމަކީ ޖިނާއީ ކުށުގެ އަމަލެއް ކަމަށެވެ.
މިނިސްޓްރީން ބުނީ ހުއްދައެއް ނެތި، މިނިސްޓްރީގެ މުވައްޒަފުންގެ ޣައިރު ހާޒިރުގައި މިނިސްޓްރީގެ ގުދަނެއްގައި ރައްކާ ކޮށްފައިވާ މުދަލެއްގައި ސިޓީ ކައުންސިލަށް އަތްލެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް