ހުޅުމާލޭ ފްލެޓުތަކަށް ބަރާބަރަށް ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ކޮންމެ ތިން މަހަކުން މީހަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖައްސައިފި އެވެ.
އާބަންކޯއިން ބުނީ މިއީ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހާއްސަކޮށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. "ޕޭ އެންޑް ވިން" ގެ ނަމުގައި ފެށި މި ޕްރޮގްރާމަކީ ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ތައާރަފްކުރި ޕްރޮގްރާމެއް ކަމަށް ބުނެ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް ފަރާތްތަކަށެވެ. އެގޮތުން ގަވާއިދުން ކުލިދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެ އެވެ.
އަދި ހުރިހާ ފަރާތްތަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ގޮތް ހެދުމަށް ޖެހިޖެހިގެން 6 މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފި ނަމަ މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. މަގްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް މި ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުމެވެ.
އެ ކޯޕަރޭޝަނުން ބުނީ އެކި ސަބަބުތަކާއި ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭންއަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުޞަތު ވެސް ވަނީ ފަހިކޮށްދެވިފައި ކަމަށެވެ.
އާބަންކޯ އިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދީ، ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް އެކި ކަހަލަ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް