ރަމަޟާން މަހާ ބައްދަލުވިއިރު، އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ކޯވިޑުން އަރައިގަނެވިފަވާތީ: ޜައީސް

މިއަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަވެވި، މިސްކިތްތަކު...

02 Apr 2022 | 06:06

މިއަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަވެވި، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް، ދީނީ ގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މަގު ތަނަވަސްވެފައިވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ 1443 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މި މަތިވެރި ފުރުޞަތުގެ ބޭނުންހިފައި، ފުރިހަމައަށް ރޯދަހިފުމާއި ތަރާވީޙް ނަމާދުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ، ފުއްސެވުމާއި ދިންނެވުމުގެ މައްސަރަކަށްވާތީ، އަނެކާއަށް އޯގާތެރިކަން އިސްކުރުމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އާލާކުރުމާއި، މަޢާފްކުރުމާއި، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު މުޢާމަލާތުކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމާއި އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މަހުގެ ދަރުމަ އާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންތައްތައްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވާތީ، ގިނަގިނައިން ޤުރްއާން ކިޔެވުމުގެ އާދަ ހަރުލެއްވުމާއި ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ މި މާތް މައްސަރުގެ ނިޢުމަތްތަކާއި ދަރުމައާއި ޘަވާބު، މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް