އެމްއެންޑީއެފް މާލޭ އޭރިއާއިން އއ.މަތިވެރީގައި ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.
އއ. މަތިވެރި ތުނޑީ ސަރަޙައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އެވެ. އެރަށުގެ ރައްޔިތުންގެ ފަރާތުންނާއި މަތިވެރި ސްކޫލު ދަރިވަރުންގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް އަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ޕްރޮގްރާމްގެ ބައިވެރިންގެ އިތުރުން އެރަށު ކައުންސިލަށާއި މަތިވެރި ސްކޫލަށާއި މަތިވެރި އަންހެނުންގެ ކޮމިޓީއަށް އެމްއެންޑީއެފްގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.
މި އަހަރުގެ ފެބުރުވަރީ 19 އިން މާރިޗު 25 ގެ ނިޔަލަށް އއ.މަތިވެރީގައި ހިނގުނު "ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް" އާއި "ދުޅަހެޔޮ ސިއްޙަތަކަށް- ކަސްރަތު" ޕްރޮގްރާމުގައި 187 ފަރާތެއް ވަނީ ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
"ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް" 108 ދަރިވަރުން ފުރިހަމަކޮށްފައިވާއިރު "ދުޅަހެޔޮ ސިއްޙަތަކަށް- ކަސްރަތު" ޕްރޮގްރާމް 79 ފަރާތެއް ވަނީ ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމްތަކުގެ އިތުރުން އެމްއެންޑީއެފްގެ ކައުންސެލިންގގެ ފަރާތުން "ނަފްސުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކައުންސެލިންގ ކުލާސްތަކެއްވެސް މާރިޗު މަހު 16 ން 18 އަށް ހިންގާފައިވެއެވެ. މި ކުލާސްތަކުގައި 90 ފަރާތެއް ބައިވެރިިވެފައިވެއެވެ.
އއ. މަތިވެރި ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ހިންގި ޕްރޮގްރާމްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ.
އެމްއެންޑީއެފް މާލޭ އޭރިއާއިން އއ. މަތިވެރީގައި ހިންގި ޕްރޮގްރާމްތައް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ އިސް ބޭފުޅުންނާއި ޕްރޮގްރާމްތަކުގައި ބައިވެރިވި ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް