އޯޓިޒަމް ހުންނަ ކުއްޖެއް ބެލެހެއްޓުމަކީ ވަރަށް ބުރަ އަދި ހިތްދަތި އިހުސާސްތަކެއް ކުރަންޖެހޭ ކަމެކެވެ. އެކަމަކު ކޮންމެ މަންމަ އަކާއި ބައްޕައެއްވެސް އެފަދަ ކުއްޖަކު ބަލާނީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަމާއި އެކު އެވެ.
ކުއްޖާއަށް ބޭނުންވާ ކަންކަން ކޮށްދޭން ނޭނގުމާއި ކުއްޖާ އަންނަ ރުޅި ކޮންޓްރޯލް ކުރުމަށް ކުރާނެ ކަންކަން ކިތަންމެ ބަލައިގެން އުޅުނަސް ނޭނގޭ ފަހަރުދެ އެވެ. މުޖުތަމައުގެ އަޅާލުމާއި ލޯތްބާއި އެހީތެރިކަން ނުލިބުމުގެ ސަބަބުން އެފަދަ ކުދިން އިތުރަށް ގޯސްވުމުން މައިންބަފައިން ކުރާ ހިތާމަ އިހުސާސް ކުރެވޭނީ އެފަދަ ކުއްޖަކު ބަލާ ދެމަފިރި އަކަށެވެ.
ހއ. މާރަންދޫ އާދަމް ހަސަން އާއި ހދ. ނެއްލައިދޫ އައިޝަތު ދިމްނާގެ ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު މުހައްމަދު އަދިއްޔު އަކީ ކޮންކަހަލަ ބައްޔެއް ހުންނަ ކުއްޖެއް ކަމެއް މީގެ ދެތިން އަހަރެއްހާ ދުވަހާއި ޖެހެންދެން ނޭނގެ އެވެ. މިހާރު ކުއްޖާގެ އުމުރުން ހަތް އަހަރެވެ. ތައުލީމު ހާސިލް ކުރަމުންދަނީ ނެއްލައިދޫ ސްކޫލްގެ ގްރޭޑް އެކެއްގައި އެވެ.
އަދިއްޔު ވާހަކަ ދައްކާ އުމުރަށް އެޅި އިރުވެސް ވާހަކައެއް ނުދައްކައެވެ. ދައްކާ ވާހަކަ އަޑު އިވޭހެން ހިއެއް ނުވެ އެވެ. އެހެންވެ އެ ދެމަފިރިން އަދިއްޔު މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުން އެއްވެސް މައްސަލައެއް ނެތް ކަމަށް ބުންޏެވެ. އެކަމަކު އަނެއްކާވެސް ޖެހިގެން އައި އަހަރު ދެއްކުމުން ބުނީ ކަންފަތުގެ މައްސަލައެއް އުޅޭވާހަކަ އެވެ. އިތުރު ޑޮކްޓަރަކަށް ދެއްކުމުން ބުނީ ކަންފަތުގައި އެއްވެސް މައްސަލައެއް ނޫޅޭކަމަށާއި މައްސަލަ އުޅެނީ ވާހަކަ ދެއްކުމުގައި އެކަނި ކަމަށެވެ.
"ހަދާނެ ގޮތެއް ދައްކާނެ ޑޮކްޓަރެއް ނޭނގުނު، ފަހަރަކު މީހަކު ބުނަނީ ތަފާތު އެއްޗެއް. އެހެންވެ އިންޑިއާއަށް ދިޔައީ ގޮސްގެން ކަންފަތަށް އެއްޗެއް ލައްވައިގެން ކިރިޔާ އަޑު އިވޭވަރުވީ. އެވަރުންވެސް ނޭނގުނު ކިހިނެތް ވެފަ ކަމެއް ކަންފަތަށް ހުރީ،" ދިމްނާ ދުވަހާއި މައުލޫމާތު ހިއްސާ ކުރަމުން ބުންޏެވެ.
އަދިއްޔުއަށް މާލެއިން ފަރުވާ ނުދެވުމުން އިންޑިއާގެ ޓްރިވެންޑްރަމްއަށް ހަތަރު ފަހަރު ދިޔަ އެވެ. ކާމިޔާބުވާގޮތް ނުވުމުން ވައިކަރަދޫ ދާއިރާގެ މެންބަރުގެ އެހީތެރިކަމާއި އެކު އޭނާގެ އާއިލާގެ ބެލުމުގެ ދަށުގައި ތިބޭގޮތަށް މައިސޫރަށް ގޮސް ރަނގަޅަށް ފަރުވާ ކުރުމުން އެނގުނީ އަދިއްޔުގެ ކަނާތް ފަރާތުގެ ކަންފަތުގެ 75 ޕަސެންޓު ބީރު ކަމެވެ. އަދި ވާތް ފަރާތް 25 ޕަސެންޓު ބީރު ކަމެވެ.
ދިމްނާ ބުނީ އަދިއްޔު ރަނގަޅުވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މާލެއަސް ގެނެސްގެން ސްޕީޗް ތެރެޕީ ދިނުމަށް އެތައް ފަހަރު މަސައްކަތް ކޮށްފި ކަމަށާއި އެކަމަކު މާލީ ހާލަތު ހުންނަ ގޮތުން އާސަންދައިގެ ދިގު ކިޔުގައި ޖެހިގެން ފަރުވާ ކުރަން މަހެއްހާ ދުވަސް މަޑު ކުރަންޖެހޭތީ ކޮންމެ ފަހަރަކު ސްޕީޗް ތެރަޕީ ނުދީ ރަށަށް ދާން ޖެހެނީ ކަމަށެވެ.
ފަރުވާ އަކީވެސް މުހިންމު ކަމެކެވެ. ހަމަ އެއާ އެއްވަރަށް މުޖުތަމައުގެ އަޅާލުމާއި އެހީތެރިކަން ލިބޭނަމަ ކުއްޖާގެ ހާލަތަށް ކޮންމެސް ވަރެއްގެ ކުރިއެރުމެއް ލިބޭނެ އެވެ.
ދިމްނާ ބުނީ އާއިލާގެ ވަރަށް މަދު މީހެއްގެ ފަރާތުން ނޫނީ އެ އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ސްކޫލްގައިވެސް ކުދިންގެ މަލާމާތާއި ފުރައްސާރަ އަމާޒުވުމުގެ ސަބަބުން ދަރިފުޅު ސްކޫލަށް ދާން ބޭނުން ނުވެ ރުޅި އިސްކުރާ ކަމަށެވެ. އަދި ވާހަކަ ދައްކާ، އެކުގައި ކުޅޭލާނެ ކުއްޖަކު ނުވުމަކީވެސް އަދިއްޔުގެ ހާލަތު އިތުރަށް ގޯސްވާން ދިމާވެފައިވާ ސަބަބެއް ކަމަށް އޭނާ ބުންޏެވެ.
އަހަރެންގެ ދަރިފުޅު އަންނާނެ ވަރަށް އެހެން ކަހަލަ ރުޅިއެއް. ކޮންޓްރޯލެއް ނުވޭ. އަހަރެން ގައިގަ އާއި ކުދިންގެ ގައިގަ ވަރަށް ތަޅާ. އެހެންވެ އެކުދިންގެ މައިންބަފައިން އަދިއްޔު އާއި ކުދިން ގައިއްވެ ކުޅޭކަށް ގަބޫލެއް ނުވޭ. ސްކޫލަށް ފޮނުވިޔަސް ކުދިން އޭނާ ރުޅި އެރުވީމަ ފަންސޫރާ ކަތުރު އެއްޗެހި ކުދިންގެ ގަޔަށް ހަރާ،" ދިމްނާ ބުންޏެވެ.
އޭނާ ބުނީ އަދިއްޔުއަށް ތައުލީމް ދޭން ބޭނުންވިޔަސް އެކަމަށް އެ ރަށުގައި މަގުފަހިވެފައި ނެތް ކަމަށެވެ. ކްލާސް ޓީޗަރުގެ ފަރާތުން ލިބެންވާ ފުރިހަމަ އެއްބާރުލުން ލިބުނު ނަމަވެސް އެކަހަލަ ކުއްޖަކަށް ކިޔަވައިދުނުމުގެ ތަމްރީން ލިބިފައި ހުރި ޓީޗަރަކު ނެތުމަކީ ދަތި ކަމަކަށް ވެފައިވާ ކަމަށެވެ.
ދިމްނާ މިހާރު މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް މާލެ އައިސް އޯޓިޒަމް އެސޯސިއޭޝަންގެ އެހީ ހޯދުމަށެވެ.
އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސެއިން ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީނުކޮށް ތައުލީމް ފޯރުކޮށްދިނުމުގެ ނިޒާމް ގާއިމްވެފައި ވިއަސް، އަދިވެސް ބައެއް ސްކޫލުތަކުން އޯޓިޒަމް ކުދިންނަށް ކިޔަވައި ދިނުމުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށެވެ. އަދި އެއީ އޯޓިސްޓިކް ކުދިންނަށް ދިމާވާ އެންމެ ހިތްދަތި އެއް ކަންތައް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޖުތަމައުއުން މިފަދަ ކުދިން ބަލައި ގެންނަ ނަމަ ކުދިންގެ ހާލަތު ރަނގަޅު ކުރެވިދާނެ ކަމަށެވެ. އަދި އަތޮޅު ތެރޭގެ ހޮސްޕިޓަލު ތަކުގައި ފަރުވާ ދެވެން ނެތުމަކީ ރަށްރަށުގައި ތިބި މިފަދަ ކުދިންނަށް ފަރުވާ ދިނުމަށް ދިމާވެފައިވާބޮޑު ގޮންޖެހުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް