ވަގަށް ނަގާފައިވާ ދެ ހާޑް ޑިސްކާއި ރަން ތަނޑިބައެއް ހޯދާ، ޅ.ހިންނަވަރުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ޅ.ހިންނަވަރު ޕޮލިސް ސްޓޭޝަނަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ހުށަހެޅި ވައްކަމުގެ މައްސަލައަކާ ގުޅިގެން އެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެމީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެރޭ 22:00 ހާއިރު އޭނާ ދިރިއުޅޭ ގެއިންނެވެ.
ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރެއިން، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ހާޑް ޑިސްކެއް ވަނީ ފެނިފައެވެ. އަދި އެ ހާޑް ޑިސްކާއި ރަންތަނޑިބައި ދެމީހަކަށް ވިއްކާލާފައި ވަނިކޮށް އަނބުރާ ހޯދާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ވަގަށް ނަގާފައިވާ ދެ ހާޑް ޑިސްކާއި ރަންތަނޑިބައި އޭގެ ވެރިފަރާތާ މިހާރުވަނީ ހަވާލުކުރެވިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއްނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް