ހަތްކޮއިލުގެ ރަސްކަމުގެ ބޭނުމުގައި ބަޔަކު ކުރާ ހަނގުރާމަ ދައްކުވައިދޭ އެޗްބީއޯގެ ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޓީވީ ސީރީޒްއެކެވެ. މިހާތަނަށް މި ސީރީޒްގެ ޖުމްލަ ހަ ސީޒަންނެއް ދައްކާފަވެއެވެ. އިތުރު ސީޒަނަކަށް ބެލުންތެރިން ކެއްމަދުވެފައި ތިއްބާ މިދިޔަ ބުރާސްފަތި ދުވަހު މިވަނީ ސީޒަން ހަތެއްގެ ފުރަތަމަ އޮފިޝަލް ޓްރެއިލާރ އާންމުކޮށްފައެވެ.
"ލޯންގް ވޯރކް"ގެ ނަމުން ނަންދީފައިވާ 90 ސިކުންތުގެ މި ޓްރެއިލާރއިން ފެނިގެންދަނީ ސީރީޒްގެ އެންމެ ވަރުގަދަ ތިން ކެރެކްޓާރއިން ކަމުގައިވާ ސާސީ ލެނިސްޓާރ (ލީނާ ހޭޑޭ)، ޖޯން ސްނޯ (ކިޓް ހެރިންގްޓަން)، އަދި ޑެނޭރިއަސް ޓާގޭރިއަން (އެމިލިއާ ކްލާރކް) ހޯލްވޭއެއްގައި ވަރަށް މަޑުމަޑުން ހިނގާފައި އައިސް އެމީހަކު އެމީހެއްގެ ތަހުތުގައި އިށީންނަތަނެވެ. އަދި ބެކްގުރައުޑް މިއުޒިކަކަށް "ސިޓް ޑައުން" ކިޔާ ލަވައެއް އާދެއެވެ.
ޓްރެއިލާރ ނިމެނީ ހަތް ކޮއިލުގެ މައްޗަށް މިހާރު ރަނިކަންކުރާ ސާސީ ލެނިސްޓާރ އޭނާގެ ތަހުތުގެ މަތީގައި އިށީނުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލާ ތަނުންނެވެ. އަދި އެތަނުން ކެމެރާ ޒޫމް އައުޓްކުރުމަށްފަހު ވައިޓް ވޯރކާސްގެ ރަސްގެފާނުގެ ވާތު ލޯ ވަރަށް ކައިރިން ދައްކާލައެވެ. ބެލެވޭ ގޮތުގައި މި ސީޒާންގައި މި ހަތަރު ވެރިންގެ މެދުގައި ހިނގާ ކުރިމަތިލުންތަކެއް ފެނިގެންދާނެވެ.
މިފަހަރުގެ ސީޒަންގައި މަޝްޙޫރު އިނގެރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަންވެސް ފެނިގެންދާނެއެވެ. "ގޭމް އޮފް ތްރޯންސް"ގެ ކޯ-ކްރިއޭޓަރ ޑޭވިޑް ބެނިއޮފް ވަނީ މިދިޔަ މަހުގެ ކުރީކޮޅު މި ޚަބަރު ކަށަވަރުވެސް ކޮށްދީފައެވެ. ނަމަވެސް އޭނާ ފެނިގެންދާނީ ވަކި ކޮން ރޯލަކުން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
"ގޭމް އޮފް ތްރޯންސް"ގެ އެހެން ސީޒަންތަކާއި ހިލާފަށް މިފަހަރުގެ ސީޒަންގައި ދައްކާނީ އެންމެ ހަތް އެޕިސޯޑެވެ. ސީރީޒްގެ ކޯ-ކްރިއޭޓަރސް، ޑޭވިޑް ބެނިއޮފް އަދި ޑީ. ބީ. ވެސް ބުނީ ސީޒަން ހަތެއްގައި އެޕިސޯޑްތަކުގެ އަދަދު މަދު ކުރަންޖެހުނީ ބޮޑު ބަޖެޓެއްގައި ރަނގަޅު ފެންވަރެއްގެ އެޕިސޯޑްތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށެވެ.
ޕްރޮޑަކްޝަން ޝެޑިއުލް ދިގުލައިގެން ދިޔުމާއި ގުޅިގެން ސީޒަން ހަތެއް ރިލީޒް ކުރާ ތާރީޙުވެސް ވަނީ ވަރަށް ބޮޑަށް ލަސްކޮށްފައެވެ. އާންމުކޮށް ކޮންމެ އަހަރަކުވެސް އޭޕްރީލް މަހުގެ ތެރޭގައި ސީޒަން ޕްރިމިއާރ ކުރިނަމަވެސް، މި ސީޒަން ޕްރިމިއާރ ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް