ބައެއް މަޝްހޫރު ކުންފުނިތައް ޕެންޝަން ގަވައިދާ ހިލާފުވެފައި!

ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންނުދާ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގައި ނަން މަޝްހޫރު ކުންފުނިތަކެއް ހިމެނޭ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފި ...

02 Apr 2017 | 03:08

ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ގަވާއިދާ އެއްގޮތަށް އަމަލުކުރަމުންނުދާ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގައި ނަން މަޝްހޫރު ކުންފުނިތަކެއް ހިމެނޭ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފި އެވެ.

އެ އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 575 ކުންފުންޏަކުން ޕެންޝަން ސްކީމުގެ ގަވައިދާ އެއްގޮތަށް އަމަލު ކުރަމުން ނުދެ އެވެ. އެ އޮފީހުން ބުނީ އެ އަދަދު ދަނީ އެއް މަހުން އަނެއް މަހަށް އިތުރުވަމުން ކަމަށެވެ.

ޕެންޝަން ސްކީމްގެ ގަވައިދާ އެއްގޮތަށް އަމަލު ނުކޮށްގެން ނަން އާންމުކޮށްފައިވާ މަޝްހޫރު ކުންފުނިތަކަކާއި އޮފީސްތަކުގެ ތެރޭގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، އޯލް ސްޕޯޓްސް، ހައިވޭ ފިހާރަ، އަދި ހައި ރައިޒް ހިމެނެ އެވެ. މީގެ އިތުރުން ޓްރާންސްޕޯޓު އޮތޯރިޓީ، އިމާދުއްދީން ސްކޫލް، އެލްސިއޯން ބޭކަރީ، ސިފައިންގެ ވެލްފެއާ ކޮމްޕެނީ ލިމިޓެޑާއި، މަންދު ކޮލެޖު، ސައިރިކްސް ކޮލެޖު އަދި ޖޭ ހޮޓެލްސް މި ލިސްޓުގައި ހިމެނެ އެވެ.

ޕެންޝަން އޮފީހުން ބުނީ މި ލިސްޓްގައި ހިމެނެނީ ވަޒީފާ އަދާކުރާ މީހުން ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ރަޖިސްޓްރީ ކޮށްފައި މުވައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރި ނުކުރާ ފަރާތްތަކުގެ އިތުރުށް ކުންފުނި ރަޖިސްޓްރީކޮށް މުވައްޒަފުންވެސް ބައިވެރިކޮށް މަހުންމަހަށް ފައިސާ ޖަމާނުކުރާ ފަރާތްތަކެވެ. މީގެ ތެރެއިން ބައެއް ކުންފުނިތަކުގެ މައްސަލަ އެ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފައި އެވެ.

ބައެއް ކުންފުނިތަކުން އެ ސްކީމަށް ފައިސާ ޖަމާ ނުކުރިޔަސް ގިނަ ބޮޑެތި ކުންފުނިތްަކުން ގަވައިދާ އެއްގޮތަށް އަމަލު ކުރާ ކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ. އެގޮތުން ކޮންމެ މަހަކު 78މިލިއަން ރުފިޔާ ފަންޑަށް ޖަމާވަމުން އަންނަކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް