އުމްރާގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށްފަހު އެނބުރި ގައުމަށް ދާން އުޅުމުގެ މަގުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އިންޑިއާއަށް ނިސްބަތްވާ އާއިލާއެއްގެ ދެބަފައިން ނިޔާވެއްޖެ އެވެ.
މައްކާގައި އިއްޔެ ހިނގާދިޔަ މި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައިވަނީ މުހައްމަދު ނަދީމުއްދީން ކިޔާ މީހަކާއި އޭނާގެ ފިރިހެން ދަރި، މުހައްމަދު ހުޝާމް އެވެ.
ސައުދީގެ ބައެއް ނޫސްތަކުގައިވާގޮތުގައި މި އެކްސިޑެންޓް ހިނގި އިރު ވެހިކަލްގައި ތިބީ ނަދީމުއްދީން އާއި އޭނާގެ އަންހެނުންގެ އިތުރުން އެ ދެމީހުންގެ ފިރިހެން ދަރި މުހައްމަދު ހިޝާމް އެވެ. އެކްސިޑެންޓް ހިނގި ވަގުތު ހިޝާމް ނިޔާވެފައިވާއިރު ނަދީމުއްދީން ނިޔާވީ ތައިފް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމުގައި ސައުދީގެ ބައެއް ނޫސްތަކުގައި ވެ އެވެ.
މި ހާދިސާއިން ހިޝާމްގެ މަންމަ ސަލާމަތްވި ނަމަވެސް އޭނާގެ ހާލުވެސް ސީރިއަސް ކަމަށާއި އެ އާއިލާއަކީ ދެކުނު އިންޑިއާގެ ސްޓޭޓެއް ކަމުގައިވާ ތެލަންގާނާ އަށް ނިސްބަތްވާ އާއިލާއެއް ކަމުގައިވެސް ސައުދީ ނޫސްތަކުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް