ބޭނުން ކުރެވޭ ގޮތަށް ހުރި ޑޮލަރު ރިޒާވް 132 މިލިއަން ޑޮލަރަށް ވެއްޓިއްޖެ

ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރަން ހުންނަ ބޭނުންކުރެވޭ ރިޒާވުގެ މިންވަރު 132.1 މިލިއަން ޑޮލަަރަށް ވެއްޓިއްޖެ އެވެ. އެމްއެ...

02 Apr 2015 | 09:25

ބޭރު ފައިސާގެ އެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭނުންކުރަން ހުންނަ ބޭނުންކުރެވޭ ރިޒާވުގެ މިންވަރު 132.1 މިލިއަން ޑޮލަަރަށް ވެއްޓިއްޖެ އެވެ.

އެމްއެމްއޭއީން އާއްމުކޮށްފައިވާ މިދިޔަ މާޗް މަހުގެ އިގްތިސޯދީ ރިވިއުގައިވާ ގޮތުން ފާއިތުވި ފެބްރުއަރީ މަސް ނިމުމުއިރު ރާއްޖޭގައި ރަސްމީ ރިޒާވްގައި ހުރީ 636.9 މިލިއަން ޑޮލަރެވެ. މިއީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަޅާއިރު 16 އިންސައްތަ އިތުރު އަދަދެކެވެ.

ފާއިތުވި ފެބްރުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 132.1 މިލިއަން ޑޮލަރެވެ. އެހެންކަމުން އެއަދަދަކީ މަހުން މަހަށް ބަލާއިރު 11 އިންސައްތަ ދަށް އަދަދެކެވެ. އަދި އަހަރުން އަހަރަށް ބަލާއިރު އެކެއް އިންސައްތަ ދަށް އަދަދެކެވެ.

އެމްއެމްއޭގެ އިގްތިސޯދީ ރިވިއުގައިވާ ގޮތުން މިދިޔަ މާޗް މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރި މިންވަރު ފުދެނީ 3.8 މަހުގެ އިމްޕޯޓަށެވެ. ރިވިއުގައިވާ ގޮތުން ވިޔަފާރީގެ މުއާމަލާތްތަކުގައި ރާއްޖެއިން އާއްމު ގޮތެއްގައި ބޭނުންކުރާ ބޭރު ފައިސާގެ ތެރެއިން އަހަރުން އަހަރަށް ބަލާއިރު ދިވެހި ރުފިޔާގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ.

އެގޮތުން ސިންގަޕޫރު ޑޮލަރު، ސްރީލަންކަން ރުޕީ، ސްޓާލިންގް ޕައުންޑް އަދި ޔޫރޯއާ އަޅަބަޅާއިރު ދިވެހި ރުފިޔާގެ އަގު ވަނީ މައްޗަށް އުފުލިފަ އެވެ. ނަމަވެސް އިންޑިއަން ރުޕީއާ އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގަކަށް ބަދަލެއް އައިސްފަ އެއް ނުވެ އެެވެ.

ބޭރު ފައިސާ ގަނެވިއްކުމަށް ރާއްޖޭގައި މިހާރު ހަމަޖެހިފައިވާ ސިޔާސަތުގެ ދަށުން، ޑޮލަރު ގަނެވިއްކޭނެ އެންމެ މަތީ އަގަކީ 15.42 ރުފިޔާ އެވެ. އަދި އެންމެ ދަށް އަގަކީ 10.28 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް