ނ. އަތޮޅުގެ ހަތަރު ރަށެއްގެ ކުނި މެނޭޖު ކުރާ މަރުކަޒު އިމާރާތް ކުރުމާއި ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގައި ގާއިމް ކުރެވޭ އިންސިނެރޭޝަން ޕްލާންޓް ޝެޑް އިމާރާތް ކުރުމަށް ބަޔަކާ ހަވާލު ކޮށްފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.
ނ. އަތޮޅުގެ ހަތަރު ރަށުގެ ތެރެއިން ކުނި މެނޭޖް ކުރާ މަރުކަޒު އިމާރާތް ކުރަނީ ޅޮއްސާއި މާޅެންދޫ އާއި ފޮއްދޫ އަދި މަގޫދޫ އެވެ.
އެ ހަތަރު ރަށުގެ ތެރެއިން ޅޮހި، މާޅެންދޫ އަދި ފޮއްދޫ ގައި އިމާރާތް ކުރާ މަރުކަޒުތައް 1.9 މިލިއަން ރުފިޔާއަށް ހަވާލު ކޮށްފައިވަނީ ސަރޫހު ޕްރައިވެޓް ލިމިޓެޑާއެވެ.
މަގޫދޫގެ މަރުކަޒު އިމާރާތް ކުރުމަށް 585260 ރުފިޔާއަށް ވީ އަވާ އިންވެސްޓްމެންޓާ ހަވާލުކޮށްފައިވާ އިރު ވަންދޫގެ އިންސިނަރޭޝަން ޕްލާންޓްގެ ޝެޑް އިމާރާތް ކުރުމަށްވެސް ހަވާލު ކޮށްފައިވަނީ އެ ކުންފުންޏާއި އެވެ. އެތަނުގެ މަސައްކަތުގެ އަގަކީ 2،584،949 ރުފިޔާއެވެ.
އެންވާރްމަންޓް މިނިސްޓްރީން ބުނީ ވަންދޫ އާއި ޅޮހި އަދި މާޅެންދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ހެދުމަށް ހަރަދުކުރާނީ މޯލްޑިވްސް އެންވަޔަމެންޓް މެނޭޖްމެންޓް ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ. އަދި ފޮއްދޫ އާއި މަގޫދޫގެ މަރުކަޒަށް ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުންނެވެ.
މިނިސްޓްރީ އިން ބުނީ އެ މަސައްކަތައް 4.3 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް