އެއާޕޯޓުގެ ކޮންސަލްޓަންސީ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ޑިވެލޮޕްމަންޓް ކޮންސެލްޓެންސީ ދިނުމުގެ މަސައްކަތް ސިންގަޕޫރުގެ ސުރްބާނާ އިންޓަނޭޝަނަލް ކޮންސެލްޓެންސީ އާ މިއަދު ހ...

02 Apr 2015 | 07:46

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ޑިވެލޮޕްމަންޓް ކޮންސެލްޓެންސީ ދިނުމުގެ މަސައްކަތް ސިންގަޕޫރުގެ ސުރްބާނާ އިންޓަނޭޝަނަލް ކޮންސެލްޓެންސީ އާ މިއަދު ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. ސުރްބާނާ އިންޓަނޭޝަނަލް ކޮންސަލްޓެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕެންގް ޔީއީން އެވެ.

30 މަސް ދުވަހުގެތެރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ނިންމަން ޖެހޭ އިރު އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް އާ ޓާމިނަލާއި ކާގޯ ޓާމިނަލާއި ފިއުލް ހައިޑްރޭންޓް ސިސްޓަމާއި ފިއުލް ފާމްގެ މަސައްކަތަށް ކޮންސަލްޓަންސީ ދޭނީ ވެސް ސުރްބާނާ ކުންފުނިން ނެވެ.

އެމްއޭސީއެލްއިން ބުނީ އެ މަސައްކަތްތަކަށް މިނިވަން ކޮންސަލްޓަންޓެއް ހުރުމަކީ އެ ކުންފުނީގެ މަސައްކަތަށް ކޮންމެހެން ބޭނުންވާ ކަމެއްކަމަށެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން އަހަރެއްގެ މައްޗަށް ހަތް މިލިއަން މީހުންނަށް އެއާޕޯޓުން ހިދުމަތްދެވޭނެ ކެޕޭސިޓީ ހުންނާނެ ކަމަށްވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް