ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ރޭ ކޯޓް ތެރޭގައި ޖެހުނު މައްސަލަތަކާ ގުޅިގެން އެމްބީސީގެ ޑެޕިއުޓީ އެޑިޓަރު މުހައްމަދު އަފްޒަލާ މެދު އެކުންފުނިން ފިޔަވަޅު އަޅައި އޭނާގެ މަގާމް ދައްކޮށްފައި ވުމުން އެމް.ޑީ.ޕީ އިން އެކަން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އަފްޒަލް ނޫސްވެރިއެއްގެ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ކްރިމިނަލް ކޯޓުން އޭނާއަށް ކުރިމަތިކުރުވި ބިރުވެރިކަމެއްގެ ސަބަބުން އެކަމުގައި އިންސާފު ހޯދުމަށް ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެމްބީސީ އިން އޭނާ އާމެދު އިދާރީ ފިޔަވަޅުއަޅައި، ކުރިން އޭނާއާ ހަވާލުކޮށްފައިވާ މަސައްކަތް ބަދަލު ކޮށްފައިވުމަކީ ނޫސްވެރިއެއްގެ މިނިވަންކަމަށް ހުރަސްއެޅުންކަމަށް ދެކޭ ކަމަށެވެ. އަދި އެއްވެސް ސުވާލެއް އެމްބީސީން އޭނާއާއި ނުކޮށް ފިޔަވަޅު އެޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށެވެ.
ކޯޓު ހަބަރުތަކާއި ގާނޫނީ ހަބަރުތައް ކަވަރު ކުރަމުން އައި އަފްޒަލް މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަދަލުކޮށްފައި ވަނީ އެމްބީސީގެ ވެބްސައިޓްގެ މަސައްކަތްތަކަށެވެ.
އިދާރީ ފިޔަވަޅެއް އަޅައި، ކުރިން ކުރަމުންއި މަސައްކަތް ބަދަލުކޮށްފައިވާ ކަން އަފްޒަލް ވެސް ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރެރިޒަމްގެ ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ހިންގާފައިވާ ޝަރީއަތުގެ ހުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ފަހު، އެމްބީސީގެ ނޫސްވެރިޔާ އަފްޒަލްގެ އިތުރުން ސީއެންއެމްގެ ނޫސްވެރިޔާ މިސްބާހު އައްބާސް އާއި، އަވަސް ނޫހުގެ ނޫސްވެރިޔާ މުއިއްޒު އިބްރާހީމް، ކްރިމިނަލް ކޯޓުން ބޭރަށް ނުކުތުމަށް އެދުމުން އެ ތިން ނޫސްވެރިން އެތަނުން ދިޔަ ނުދީ ވަނީ ހިފަހައްޓާފައެވެ. އަދި އޭގެ ފަހުން ހަމަ އެރޭ ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމަށް ގަދަކަމުން ވެއްްދުމުން، އެ އަޑުއެހުމަށް ވަންނަން ބޭނުން ނުވާ ކަމަށް ރަޖިސްޓްރާ ކައިރީ ބުނުމުން އެ ނޫސްވެރިން ގަދަކަމުން އެ ތަނުން ނެރެ އެ އަޑުއެހުން ނިމެންދެން ޖަސްޓިސް ބިލްޑިންގ ތެރޭގައި ބަންދުކޮށްފައި ބޭތިއްބި ކަމަށް އެ ނޫސްވެރިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް