ލޯންޗެއް ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ދިވެހި ފުލުހުން ސަލާމަތްކޮށްދީފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އދ. ދިގުރަށުން ފުރައިގެން މާލެ ދަތުރު ކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށް ދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 07:57 ހާއިރުގައެވެ.
"އެ ލޯންޗުން 45 ޕަސިންޖަރުންނާއި ކްރޫ 3 މެންބަރަކު ދަތުރު ކުރި ކަމަށް މަޢުލޫމާތު ލިބުނު" ފުލުހުން ބުނެފައިވެއެވެ.
ރިޕޯޓް ލިބުމާއެކު އިމަޖެންސީ ޓީމް ފޮނުވާލެވި އެންމެން ސަލާމަތް ކުރެވުނު ކަމަށާއި އޭގެ ތެރޭގައި ހަތަރު ކުޑަކުދިންވެސް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ އެންމެންގެވެސް ހާލު ރަނގަޅު ކަމަށާއި މިހާރު އެމީހުން ދިގުރަށަށް ގެންދެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ކުރިއަށް ގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް