ދިރާގާއި މަސްވެރިންގެ ޖަމްޢިއްޔާއިން ގުޅިގެން ކުރިއަށްގެންދިޔަ 'ޔަންގް ފިޝަރސް ކްލަބް' ނިންމާލައިފި

ދިރާގުގެ އެހީތެރިކަމާ އެކު ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާއާ ގުޅިގެން ހއ. އިހަވަންދޫގައި ކުރިއަށްގެންދެވުނު 'ޔަންގް ފިޝަރސް ކްލަބް' ނިންމާލައިފިއެވެ. އިހަވަންދޫ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއ...

02 Mar 2024 | 09:34

ދިރާގުގެ އެހީތެރިކަމާ އެކު ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާއާ ގުޅިގެން ހއ. އިހަވަންދޫގައި ކުރިއަށްގެންދެވުނު 'ޔަންގް ފިޝަރސް ކްލަބް' ނިންމާލައިފިއެވެ. އިހަވަންދޫ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ސްކޫލްގެ 25 އަންހެން ދަރިވަރުންނާއި 10 ފިރިހެން ދަރިވަރުން ހިމެނޭ ގޮތަށް ޖުމްލަ 35 ދަރިވަރުން ވަނީ މި ޕްރޮގްރާމްއިން ދަސްވެނިވެފައެވެ.

އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް މަސްވެރިކަމާއި، ކަނޑުގެ މާޙައުލާއި، ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތަޢާރަފްކޮށް އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، އެއާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދީފައިވާކަމަށާއި މީގެ އިތުރުން ފެތުމާއި ސްނޯކްލިންގ އަދި އިސްނެގުމާއި އެކުގައި މަސައްކަތް ކުރުން ފަދަ ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށްވެސް އަލިއަޅުވާލާފައިވާކަމަށް ދިރާގުން ބުނެއެވެ. އަދި މި ހުނަރުތައް ކުދިންނަށް ދަސްކޮށްދީފައިވަނީ އަމަލީ ތަޖުރިބާއާއެކު މިކަމުގެ މާހިރުންގެ އިރުޝާދުގެ ދަށުން ކަމުގައިވެސް ދިރާގުން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ޝާކިރު މުޙައްމަދު ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ހާޞިލުކުރެވުނީ އެ ޖަމިއްޔާއިން ޒުވާނުން މަސްވެރިކަމުގެ ސިނާއަތައް ޝައުޤުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމުގައި ފާހަގަކުރެއްވިއެވެ. ޝާކިރުގެ ވާހަކަފުޅުގައި މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަކީ މުސްތަޤްބަލުގައި އިހަވަންދޫ ސްކޫލްގައި ހިންގާ ކްލަބްގެ ޙަރަކާތްތަކުގައާއި އެހެނިހެން ސްކޫލްތަކުގައި ހިންގާ ޔަންގް ފިޝަރސް ކްލަބްގެ ޙަރަކާތްތަކުގައި ލީޑަރުންގެ ގޮތުގައި ފެނިގެން ދިއުމަށް އުންމީދުކުރާ ކަމުގައި ވިދާޅުވިއެވެ.

"'ޔަންގް ފިޝަރސް ކްލަބް' އަކީ މި ސްކޫލަށް ލިބުނު ރަނުގެ ފުރުސަތެއް. ތިމާވެއްޓާއި މަސްވެރިކަމާއި ކަނޑުފަޅާއި އޮޔާއި ވައިގެ އަސަރުތައް ދަރިވަރުންނަށް ޕްރޮގްރާމް މެދުވެރިކޮށް ތަޖުރިބާ ކުރެވުނު. އަދި ތިމާވެއްޓާއި ކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި މުރަކަ އިންދާ ހައްދާނެ ގޮތާއި ފަރުތައް ހިމާޔަތްކުރުމާއި ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާ މެދު ކުދިންގެ ޝައުގުވެރިކަން އުފެދުނު. އަދި ނަތީޖާއެއްގެ ގޮތުން  ސްކޫލް ކަރިކިއުލަމް ތަންފީޒް ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދިޔަ."  އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

"މި ޕްރޮގްރާމުން ދަސްވެނިވި 35 ދަރިވަރުންގެ ތެރެއިން 25 ދަރިވަރުންނަކީ އަންހެން ކުދިންކަން އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާ އެކު ފާހަގަކުރަން. މިއީ މި ޕްރޮގްރާމްއިން ދެ މިންތިއަށް އިސްކަންދޭކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް. އަދި މަސްވެރިކަން ފަދަ ދިވެހިރާއްޖޭގެ އަސާސީ ސިނާއަތެއްގައި ދެ މިންތީގެ ހަމަހަމަ ބައިވެރިވުމާއި ތަމްސީލުކުރުމަށް މަގުފަހިކޮށްދިނުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއް." ދިރާގުގެ ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރ، އަބްދުالله  ސާދިޤު ވިދާޅުވިއެވެ.

ޔަންގް ފިޝަރސް ކްލަބުގައި ބައިވެރިވި ދަރިވަރުން ވަނީ މި ޕްރޮގްރާމްގެ ސަބަބުން ބަޔޯޑައިވަރސިޓީއާއި، މަސްވެރިކަމާއި، މޫސުމާ ގުޅުންހުރި އަގުހުރި ހުނަރުތަކާއި، އެއްކޮށް މަސައްކަތް ކުރުމާއި އިސްނެގުން ފަދަ ހުނަރުތައް ދަސްވިކަމަށް ބުނެފައެވެ.

އެގޮތުން މި ސެޝަންތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި، ކަނޑުގެ މާޙައުލާއި، މޫސުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޒާސްޓާރ މެނޭޖްމެންޓްއާއި ބަޔޯޑައިވަރސިޓީއާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ފަސްޓް އެއިޑް، މަސްވެރިކަން މެނޭޖްކުރުމާއި، ޕޯސްޓް ހާރބަޓް ޓެކްނޮލޮޖީއާއި، ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސްކިލްސް ދަސެވެގެންދިޔައެވެ.

ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުވާ ތިމާވެށި ހިމާޔާތްކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިފައިވާ ދާއިރާތަކެއް. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަނޑުތައް ހިމާޔަތްކުރުމާއި ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކަށް އެއްބާރުލުން ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް