ރާއްޖޭގެ ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅު ފުއްދަވައިފި އެވެ.
އެގޮތުން ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެކަން ރައީސް އިއުލާންކުރެއްވީ މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެގޮތުން ހިރިލަންދޫ ގައި މިއަދު ބޭއްވި ޖަލްސާއެއް ގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި، މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ފައިވާ ކަމަށެވެ.
މިކަމަށް އިޝާރަތްކޮށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ގެނެވުނު ބަދަލާއެކު 760 މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނައިރު އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ ސަރުކާރުން މިކަމަށް ހަރަދު ކުރައްވާނެ ކަމަށެވެ.
މި ބަދަލާއެކު ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލު އިއުލާނުކޮށްދެއްވާ ރައީސް ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރާ އަކަށް އިތުރުގަޑިއާއެކު ކުރިން 18680 ރުފިޔާ ލިބުނުއިރު، މި ގެނެވުނު ބަދަލުތަކާއެކު އިތުރު ގަޑިއާ ނުލައި 29900 ރުފިޔާ މިހާރު ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ ސީނިއާ ލެކްޗަރާއެއްގެ މުސާރަ 20831 ރުފިޔާއިން 34000 ރުފިޔާއަށް، އެސިސްޓަންޓް ޕްރޮފެސަރެއްގެ މުސާރަ 23500 ރުފިޔާއިން 39400 ރުފިޔާއަށް، އަދި އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26000 އިން 45000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
އަދި މެނޭޖްމަންޓްގެ ލެވަލްގައި މަސައްކަތްކުރާ ފަރާތްތަކަށް ބަލާލާއިރު ޑީންގެ މުސާރަ 30000 ރުފިޔާއިން 38000އަށް، ރަޖިސްޓްރާގެ މުސާރަ 320000 އިން 420000 ރުފިޔާއަށް އަދި ޑެޕިއުޓީ ވައިސް ޗާންސެލަރގެ މުސާރަ 39000 އިން 48000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
މީގެ އިތުރުން ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަނަށް ބަލާއިރު އެސޯސިއޭޓް ލެކްޗަރުންނަށް މިހާރު ލިބޭ 14700 ރުފިޔާ އިން 26000 ރުފިޔާއަށް، އަދި ލެކްޗަރުންނަށް ލިބޭ މުސާރަ 17000 ރުފިޔާއިން 29000 ރުފިޔާއަށް އަދި ސީނިއަރ ލެކްޗަރެއްގެ މުސާރަ 17000 ރުފިޔާއިން 34000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް