އިސްލާމިކް އިކޮނޮމިކްސް އާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ކޮންފަރެންސް "އައިކޮނީ 2023" މި މަހުގެ 8 އަދި 9ގައި

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ކޮންފަރެންސް މި ހިނގާ މާޗު މަހުގެ 8 އާއި 9 ވަނަ ދުވަހު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި އޮންނާނެ އެވެ. "އައިކޮނީ 2023" ގެ ނަ...

02 Mar 2023 | 06:36

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ކޮންފަރެންސް މި ހިނގާ މާޗު މަހުގެ 8 އާއި 9 ވަނަ ދުވަހު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި އޮންނާނެ އެވެ.

"އައިކޮނީ 2023" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސަކީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީސް (ކެމްސް) އާއި މެލޭޝިއާގެ ޔުނިވާސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯގެ އިންޓަނޭޝަނަލް ރިސާޗް ސެންޓާ އޮފް އިސްލާމިކް އިކޮނޮމިކްސް އެންޑް ފައިނޭސްސް ގުޅިގެން އިންތިޒާމުކުރާ އިލްމީ މަހާސިންތާއެކެވެ.

މި ކޮންފަރެންސް ބާއްވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް އިކޮނޮމިކްސްގެ ބައިވެރިވުމާ ވެސް އެކު އެވެ.

މި ކޮންފަރެންސަކީ އިޖްތިމާއީ ކަންކަމާއި އިގްތިސާދީ ކަންކަން ގުޅިލާމެހިގެން ގެންނަ ތަރައްގީގައި އިސްލާމީ އިގުތިސާދުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަމާ ބެހޭގޮތުން، މި ސިނާއަތުގައި މަސައްކަތްކުރައްވާ ބޭފުޅުން މަޝްވަރާކުރަން ލިބޭ މުހިއްމު ފުރުސަތެކެވެ.

މި ކޮންފަރެންސްގެ ޝިއާރަކީ "އެޗީވިން އަދްލު އެންޑް އިހްސާން ވިއާ އިސްލާމިކް އިކޮމިކްސް" ނުވަތަ އިސްލާމީ އިގްތިސާދުގެ ތެރެއިން އިޖްތިމާއީ އަދާލަތު ގާއިމްކުރުމެވެ. މިކޮންފަރެންސްގެ މަގުސަދަކީ އަދުލާއި އިހުސާންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަރައްގީއަށް އިސްލާމީ އިގްތިސާދުގެ މުހިންމުކަން އަންގައިދިނުމެވެ.

މި ކޮންފަރެންސްގައި ކީނޯޓު ތަގުރީރު ދެއްވާނީ މި ދާއިރާގެ އިލްމީ ބޭފުޅުންނާއި ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި އިސްލާމީ މާލީ ނިޒާމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ގާއިމްކުރަން މެލޭޝިއާގައި ހިންގާ އިންސެއިފް ޔުނިވާސިޓީގެ ޕްރޮފެސަރު، ރާއްޖެ އަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އާއިޝަތު މުނީޒާ ހިމެނިވަޑައިގަންނަވަ އެވެ. އަދި އެ ޔުނިވާސިޓީގެ ޕްރޮފެސަރު ދާތޯ އިގްބާލް ސަލާމް  އާއި ޕްރޮފެސަރު ދާތޯ ޑރ މުހައްމަދު އަޒްމީ އުމަރު ވެސް ތަގުރީރުކުރައްވާނެ އެވެ.

މީގެ އިތުރުން ޔުނިވާސިޓީ އޮފް ނިއު އޯލިއަންސްގެ ޕްރޮފެސަރު ޑރ މުހައްމަދު ކަބީރު ހަސަން އާއި އެ ނޫން ވެސް މި ސިނާއަތުގެ ތަޖުރިބާކާރުންނާއި އިލްމީ ބޭފުޅުން މި ކޮންފަރެންސްގައި ތަގުރީރު ދެއްވާނެ އެވެ.

މި ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް ބިނާކޮށް ތިން ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދާނެ އެވެ. އެ ޕެނަލްތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި މި ކޮންފަރެންސުގައި ދާއިރާއާ ގުޅޭ ދިރާސީ ކަރުދާސްތައް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުން ހުށަހަޅުއްވާނެ އެވެ.

މި ކޮންފަރެންސުގައި، ރާއްޖޭގެ ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެ އެވެ. އެ ފަރާތްތަކުގެ ރަޖިސްޓްރޭޝަން ފީ ކަވަރުކުރައްވާނީ އައިޔޫއެމް އިންނެވެ.

ރަޖިސްޓްރީވާ ހުރިހާ އެންމެންނަށް ވެސް ހުރިހާ ކީނޯޓް ތަގުރީރުތަކާއި ޕެނަލް ޑިސްކަޝަން ސެޝަންތަކާއި ކަރުދާސް ޕްރެޒެންޓޭޝަންތަކުގައި ބައިވެރިވެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް