މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރު އާމިނަތު އީމާނަށް ލިބެމުންދިޔަ5،000 ރުފިޔާގެ އެލަވަންސް އާއިލާއަށް ދޭން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން
އީމާން ނިޔާވީ މިދިޔަ މަހުގެ28 ވަނަ ދުވަހު ހުޅުމާލޭގައި ސައިކަލްދުއްވަނިކޮށް ބަންޕަރަކުން ކަހާލައިގެން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިޔާވީ އިއްޔެ ހެނދުނު އޭޑީކޭ ހޮސްޕިޓަލްގައި އެވެ.
މިއަދު އޮތް މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 42 ވަނަ ރަސްމީ އާއްމު ޖަލްސާގައި، އީމާންއަށް ލިބެމުންދިޔަ 5،000 ރުފިޔާގެ އެލަވެންސް، އޭނާގެ އާއިލާއަށް ދިނުމަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ ޕީޕީއެމްގެ ކައުންސިލް މެމްބަރު ނަހުލާ އަލީ އެވެ.
ނަހުލާ ވިދާޅުވީ ވަރަށް ކުއްލި ގޮތަކަށް ދައުރުގެ ކުރީކޮޅު އީމާން ނިޔާވި އިރު، އީމާންގެ ހަ އަހަރާއި ހަތް އަހަރުގެ ދެ ކުދިން އެބަތިބި ކަމަށެވެ. އެހެންކަމުން މި ފަސް އަހަރުގެ ދައުރު ނިމެންދެން އެ އާއިލާއަށް 5،000 ރުފިޔާގެ އަލަވަންސެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަހުލާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.
އެހެންވެ ކައުންސިލުގެ 17 މެމްބަރުންގެ އިއްތިފާގުން ނިންމީ އީމާންގެ ދައުރު ނިމެންދެން، މެދުކެނޑުމެއް ނެތި އެ ފައިސާ އޭނާގެ އާއިލާއަށް ދިނުމަށް ހުށަހަޅާށެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޓި ކައުންސިލްގެ ނިންމުން ތަންފީޒުކޮށްދޭން ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭ އަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް