ފެނަކައާއި ގުޅިގެން ފަށާފައިވާ "ހޯމް ސޯލާ" ޕްރޮގްރާމްގެ ޢަމަޒާކީ، މިއަހަރު މަދުވެގެން 1000 ގޭގައި އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް ޚިދުމަތް ދިނުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ ކ.ހުރާގެ ރައްޔިތުންގެ އިންޖީނުގޭގެ ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ހޯމް ސޯލާ ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ދަނީ ކުރިއަށެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ 2023ވަނަ އަހަރު ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ %26 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ކަމަށެވެ.
އަދި ރާއްޖޭގެ އުފެއްދުންތެރިކަމުގެ %10 އާމްދަނީ ޚަރަދުކުރަނީ ހަކަތަ އުފެއްދުމަށް ތެޔޮ ގަތުމަށް ކަމަށާއި އެއީ އަހަރަކަށް ބަލާނަމަ 400 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަމުގައި މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމަށް ރާއްޖެ ބަދަލުކުރުމުގައި، ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކުގެ ދައުރު ވަރަށް ފުޅާކަމުގައެވެ.
އެންވަޔަރަމެންޓް މިނިސްރީން ހަކަތައިގެ އެންމެ ބޮޑު ޢަމާޒެއް ހިފާފައިވަނީ ތެލަށް ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެން ނިޒާމުން އުފައްދާ ކަރަންޓު އިރުކުރުމަށެވެ.
މި މަސައްކަތުގައި އެންމެ ފަހުން ތައާރަފްކޮށްފައިވަނީ، ގޭގޭގެ ފުރާޅުގައި ސޯލާ ނިޒާމު ހަރުކޮށްގެން ހަކަރަ އުފައްދާ "ހޯމް ސޯލާ" ނިޒާމެވެ.
އަދި މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ފަރުދީ ފެންވަރުގައި ބައިވެރިވެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށާއި އާއްމު ރައްޔިތު މީހާ ކަރަންޓުގެ ޚިދުމަތަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ނިޒާމެއް ކަމަށެވެ.
މި އަހަރަށް ޓަރގެޓް ހިފާފައި މިވަނީ މަދުވެގެން 1000 ގޭގައި އަހަރު ނިމޭއިރު ސޯލާ ހަރުކޮށް ޚިދުމަތް ދިނުން ކަމަށާއި ގޭގަ ހަރުކުރާ ނިޒާމުގެ ސަބަބުން 90 ޕަސެންޓަށް އަށް ބިލްތައް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝައުނާ ފާހަގަ ކުރެއްވި ގޮތުގައި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއި އެއްވަރަށް، ރައްޔިތުން ހަކަތަ އިޤްތިޞާދު ކުރުމަށް ކުރާ މަސައްކަތް ވެސް މުހިންމުކަމަށެވެ.
އެގޮތުން ކަރަންޓު އިސްރާފު ނުކުރުމާއި، އިލެކްޓްރޯނިކް ވަސީލަތްތައް ހޯދާއިރު ކަރަންޓު މަދުންނަގާ ވަސީލަތްތައް ހޯދުމަކީވެސް މުހިންމު ކަމެއްކަމަށެވެ.
ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތުގައި އާއްމުންނަށް އެހީވުމަށް، އެއަރ ކޮންޑިޝަންއާއި، ދޮންނަ މެޝިން އަދި ފްރިޖް ފަދަ ތަކެތި ގަންނައިރު ކަރަންޓު ހޭދަވާ މިންވަރު ބަޔާންކުރާ ލޭބަލްއެއް ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް