މާލީ ބައިވެރިވުން އޮތްވަރު ބެލުމަށް ގައުމީ ފެންވަރުގެ ސާވޭއެއް ފަށަނީ

ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ "ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖ...

02 Mar 2022 | 08:57

ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ "ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

މިގޮތުން، މި ސްޓްރެޓެޖީ އެކުލަވާލުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު އެއްކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ސާރވޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސާރވޭގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި މާލީ ބައިވެރިވުން (ފައިނޭންޝަލް އިންކްލޫޝަން) އޮތް މިންވަރު ދެނެގަތުމާއި މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުން މާލީ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން ހުރި މިންވަރު ބެލުމެވެ. ހަމަ މިއާއެކު، ދިވެހިރާއްޖޭގެ މާލީ ބައިވެރިވުމާ ގުޅޭ ސިޔާސަތުތައް އެކަށައަޅައި އެއާ ގުޅޭ މަޤްޞަދުތައް ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ހޯދުންވެސް މި ސަރވޭގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން، މާލީ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތައް އަދި ބޭނުން ނުކުރާ ފަރާތްތަކުގެ މާލީ ބައިވެރިވުމާ ގުޅޭ މައުލޫމާތު މި ސާރވޭއިން އެއްކުރެވޭނެއެވެ.

މާލެ ސަރަހައްދު ހިމެނޭގޮތަށް ރެންޑަމްކޮށް ހޮވާލެވޭ 63 ރަށެއްގައި މިސާރވޭ ކުރިއަށް ގެންދެވޭއިރު، ޖުމްލަ 1500 މީހުން ސާރވޭގައި ބައިވެރިވުމަށް ރެންޑަމްކޮށް ހޮވާލެވޭނެއެވެ. މާރިޗު މަހުގެ ފުރަތަމަ ހަފްތާއިން އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދެވޭ މިސާރވޭގެ މަސައްކަތް މި އޮތޯރިޓީގެ ފަރާތުން ކުރިއަށްގެންދާނީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑްއިންނެވެ.

ވީމާ، މި މަސައްކަތަކީ މުހިއްމު ޤައުމީ މަސައްކަތަކަށް ވާހިނދު، މި ސާރވޭ ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކުގައި ސާރވޭގެ މަސައްކަތް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެހާ ރައްޔިތުންގެ ބައިވެރިވުމާއި ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެކެވެ.

މި ސާރވޭއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް