ހުރާ އިންޖީނުގެ ހިންގަން ފެނަކައަށް

ކ. ހުރާ އިންޖީނުގޭގެ ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. ހުރާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނުގޭގެ އިތުރުން އެރަށުގެ ފެނާއި ނަރުދަމާ ބެލެހެއްޓުން ވެސް ވަނީ ފެނަކައާ ހަވާލުކޮށްފައެވެ....

02 Mar 2022 | 04:45

ކ. ހުރާ އިންޖީނުގޭގެ ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

ހުރާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނުގޭގެ އިތުރުން އެރަށުގެ ފެނާއި ނަރުދަމާ ބެލެހެއްޓުން ވެސް ވަނީ ފެނަކައާ ހަވާލުކޮށްފައެވެ.

މިކަމައްޓަކައި ކ. ހުރާގައި މިއަދު ބޭއްވި ޙާއްސަ ރަސްމިޔާތުގައި ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތާއި ފެނަކައާއި ހަވާލުވުމުގެ އެއްބަސްވުމުގައި ހުރާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ހުރާ ކައުންސިލުގެ ރައީސް ޢީސާ އަޙްމަދު އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކާގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ.

އިންޖީނުގެއާ ހަވާލުވުމަށްފަހު އިންޖީނުގޭގެ ވަޒީފާގައި މިހާރު ތިބި މުވައްޒަފުންނަށް ފެނަކައިގެ ވަޒީފާ ހަމަޖެއްސި ކަމުގެ ލިޔުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދު ވަނީ ހަވާލުކޮށްދެއްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުރާ ކައުންސިލްގެ ރައީސް ޢީސާ އަޙްމަދު ވިދާޅުވީ ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ މައްޗަށް ލާޒިމްކުރާ ކަމެއްކަމަށެވެ. އެހެން ކަމުން ހުރިހާ ރައްޔިތުންނަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ލިބޭނެކަމުގެ ޔަގީން ކަން އީސާ ވަނީ ދެއްވާފައެވެ.

އީސާ ވިދާޅުވީ އިންޖީނުގެ ފެނަކައިން ހާވާލުވުން ރަށުގެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށެވެ. އެގޮތުން މުވައްޒަފުން ނެގުމުގައި ސިޔާސީ ގޮތުން ބެލުމެއްނެތި ވަކި ޕާޓީ އަކަށް އިސްކަން ދިނުމެއް ނެތި ކޮން މީހެއްގެ ދަރިޔަކަށް ވެސް އެ ފުރުސަތު އޮންނާނެކަމަށް އީސާ ވިދާޅުވިއެވެ.

ސާފު ބޯފެން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް 10 މަސްތެރޭގައި ޖުމްލަ 21 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހުރާގައި 250 ޓަނުގެ އާރޯ ކެޕޭސިޓީއެއް ގާއިމްކޮށް، 3،000 ޓަނުގެ ފެން ރައްކާކުރެވޭނެ ވަސީލަތެއް ފެނަކައިން ގާއިމްކޮށްދޭނެއެވެ.

މީގެއިތުރުން، މިއަހަރު ނިމުމުގެ ކުރިން ބޯފެން ރައްކާކުރާނެ ނިޒާމެއް ގާއިމްކޮށް ޑިސްޕެންސާ ބަހައްޓައިގެން ގޭގެއަށް 18 ލީޓަރުގެ ފެންފުޅި ފޯރުކޮށްދިނުމުގެ އިންތިޒާމު ފެނަކައިން ހަމަޖައްސައިދޭން ވެސް ވަނީ ނިންމާފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ނިޒާމެއް ހުރާގައި ގާއިމް ކުރުމުގެ މަސައްކަތް ފަށަން ފެނަކައިން ނިންމާފައިވާކަން ހުރާ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް