ރޭ ފުލުހުން ހިންގީ ފޭރުމުގެ އަމަލެއް: އެމްޑީޕީ

ބޭރުގެ ޤައުމުތަކުގެ އެކިވެރިންނާއި ޢިއްޒަތްތެރިން ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީވެ އެޤައުމުތަކުގެ ސިޔާދަތާއި ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ ޝަރަފާއި ޤަދަރާއި ޢިއްޒަތަށް އުނިކަން...

02 Mar 2017 | 14:03

ބޭރުގެ ޤައުމުތަކުގެ އެކިވެރިންނާއި ޢިއްޒަތްތެރިން ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީވެ އެޤައުމުތަކުގެ ސިޔާދަތާއި ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ ޝަރަފާއި ޤަދަރާއި ޢިއްޒަތަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއް ހިންގުމަށް ރާވާ ހަދާކަމަށް ތުހުމަތު ކުރެވޭ ކަމަށްބުނެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެމްޑީޕީގެ ހަރުގެ ބަލާ ފާސްކުރި ކުރިން އެއީ ފޭރުމުގެ އަމަލެއްކަމުގައި އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ އެ ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހުގެރޭ އެމް.ޑީ.ޕީ ހަރުގެއަށް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވަނީ އެ ޕާޓީއަށާއި އާންމު މެމްބަރުންނަށް ބިރުދެއްކުމަށާއި، ފާފު އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ރައްޔިތުންގެ އިހުތިޖާޖުތަކުގެ އަޑު ކަނޑުވާލުމަށާއި، ޢަބްދުﷲ ޔާމީންގެ އެދުމުގެ މަތީން ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށްކަމަށްވާތީ އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ. އަދި ހަރުގެއިން ގެންދިޔަ ތަކެތި މި ޕާޓީއާ ވަގުތުން ޙަވާލުކުރުމަށް ގޮވާލާ ކަމަށެވެ.

"ބުދަ ދުވަހުގެރޭ ފުލުހުން އެމް.ޑީ.ޕީ ހަރުގެއަށް ވަދެ ދެ ގަޑިއެއްހާއިރުވަންދެން މުޅި ހަރުގެ ހުންނަ ޢިމާރާތް ފާސްކޮށް ނިންމައި ޤާނޫނާ ޚިލާފް އެއްވެސް ކަމެއް އެތަނުގެ ތެރޭގައި ނުހިނގާތީވެ، އެމް.ޑީ.ޕީން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ބޭނުންކުރާ ފޮތިގަނޑުތަކާއި(އެއްވެސް އެއްޗެއް ލިޔެފައިނެތް)، އަދި ކުލަތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ފޭރުމުގެ ޢަމަލެއް" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ފާފު އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާ މި ދުވަސްވަރުގައި، ބުދަ ދުވަހު އަބްދުﷲ ޔާމީން ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރުމާއެކު ފާފު އަތޮޅު ވިއްކާލުމާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ފާޅުކުރުމަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށްބުނެ ވަގުތުން ފުލުހުން ބަޔާނެއް ނެރުނު ކަމަށާއި ހަމަ އެއާއެކު މާގިނަ އިރެއް ނުވެ، ކޯޓު އަމުރެއްގެ ދަށުން ހަމަ އެ ކަމަށް ރިޢާޔަތްކޮށް އެމް.ޑީ.ޕީ ހަރުގެ ފާސްކުރުމުން ޢަބްދުﷲ ޔާމީން ކޯޓުތަކަށާއި ފުލުހުންނަށް އިންތިހާއަށް ނުފޫޒު ފޯރުވާ މިންވަރު ހާމަވާ ކަމަށެވެ.

"ކޯޓު އަމުރުގައި ބަޔާންކޮށްފައިވާފަދަ އެއްވެސް އެއްޗެއް އެމް.ޑީ.ޕީ ހަރުގެއިން ނުފެނުމުން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމް.ޑީ.ޕީން ބޭނުންކުރަމުން އަންނަ މުދާ ފޭރިގަނެގެން ފުލުހުން ގެންދިއުމަކީ މި ޕާޓީން ކުރަމުންގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ހުރަސްއެޅުން" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެމް.ޑީ.ޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަރުގޭގައި ޤާނޫނާ ޚިލާފް އެއްވެސް ކަމެއް ހިންގާފައިނުވާ ހިނދު އަދި ޕާޓީގެ އިންތިޚާބީ މަސައްކަތަށް ބޭނުންވާ ތަކެތި މިހާރުން މިހާރަށް މި ޕާޓީއާ ޙަވާލުކުރުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތަކީ ވަކި ފަރާތެއްގެ ސިޔާސީ މަޤްޞަދު ޙާޞިލްވާނެ ގޮތަށް މަސައްކަތްކުރުން ނޫން ކަމަށްވާތީވެ، އިންސާފުން ހަމަހަމަކަމާއެކު ހުރިހާ ފަރާތްތަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް