ނަޝީދުގެ ފަރާތުން ނެގި އިޖުރާއީ ނުކުތާތައް ބަލައެއް ނުގަތް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުމެއް މިރޭ ކުރިއަށް ގެންގޮސްފައިވާއިރު ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅި ދެ ނުގުތާ ބަލައިނުގަނެ މައްސަލަ ކުރިއަށް ގެންދިއުމަށް ކްރިމިނަލް...

02 Mar 2015 | 18:59

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުމެއް މިރޭ ކުރިއަށް ގެންގޮސްފައިވާއިރު ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅި ދެ ނުގުތާ ބަލައިނުގަނެ މައްސަލަ ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން މިރޭ ނިންމައިފި އެވެ.

މިރޭގެ އަޑު އެހުމަށް ރައީސް ނަޝީދު ކޯޓަށް ހާޒިރު ކޮށްފައިވަނީ 19:40 ހާއިރު އެވެ. އަޑުއެހުން ނިންމާލީ 10:30 ހާއިރު އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ މިރޭގެ ޝަރީއަތުގައި ނަޝީދުގެ ވަކީލުންގެ ފަރާތުން ނެގި ދެ ނުކުތާއަކީ އެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ތަހުގީގަށް ބަޔާން ދީފައިވާތީ އެ މައްސަލަ ބެލުމުން ދުރުވާންޖެހޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި ދައުވާއެއް އަނބުރާ ގެންދިއުމަށް ފަހު އެ ދައުވާއެއް އަލުން ހުށަނޭޅޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

ނަމަވެސް އެ ދެނުކުތާއާމެދު ފަނޑިޔާރުން އިއުލާނުކުރެއްވީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ސަބަބެއް އެ ދެ ނުކުތާގައި ނެތް ކަމަށެވެ.

މިރޭގެ އަޑު އެހުމުގައި ދެ ފަރާތުން ހެކި ހުށަހަޅާފައި ވެ އެވެ. ދައުލަތުން ނަޝީދާ ދެކޮޅަށް  ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު ނަޝީދުގެ ފަރާތުން ހަތަރު ހެއްކެއް ހުށަހެޅި އެވެ. ނަޝީދުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންވެސް ހިމެނެ އެވެ.

ދައުލަތުން ހެކި ހުށަހެޅުމުން އެ ހެކި ދިރާސާކުރުމަށް 30 ދުވަހުގެ މުއްދަތެއ ދިނުމަށް ނަޝީދުގެ ވަކީލުން އެދުނެވެ. ނަމަވެސް އެ ކަމާމެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް