ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ، ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއަށް ބަދަލުކޮށްފި އެވެ.
ދައުވާ ބަދަލު ކުރުމަށް ފަހު އޭނާއަށް ވަނީ ދައުވާއަށް ތައްޔާރުވުމަށް ތިން ދުވަސް ދީފައި އެވެ. މީގެ ކުރިން ދައުލަތުން ނާޒިމްގެ މައްޗަށް ކުރަމުން ދިޔައީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދައުވާ ބަދަލުކޮށްފައި ވަނީ، ކުރިން އުފުލާފައިވާ ދައުވާގައި ހަވާލާދީފައިވާ ގާނޫނުގެ މައްދާތައް ދިމާނުވާ ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އެކަން ފާހަގަކުރެއްވުމުންނެވެ.
ނާޒިމްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 03:50 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު އޭނާ ނިދާ ކޮޓަރީގެ އެނދުކައިރީ ކަބަޑުން ފެނުނު ކަޅުކުލައިގެ ދަބަހެއްގެ ތެރެއިން ފިސްތޯލައަކާ ތިން ވަޒަން ފެނިފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ދައުވާއާ ގުޅޭގޮތުން ވާހަކަދައްކަން ފުރުސަތު އެރުވުމުން ނާޒިމް ވިދާޅުވީ އެ ދައުވާއަށް އިންކާރު ކުރާ ކަމަށާއި ދައުވާއާ ގުޅިގެން އިތުރަށް ވާހަކަދައްކާނީ އޭނާގެ ވަކީލު މައުމޫން ހަމީދު ކަމަށެވެ.
ނާޒިމްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން އާންމުކޮށް ހުޅުވާލައިގެން އިންސާފުވެރި ޝަރީއަތް ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ. މީގެކުރިން ދައުލަތުން އެދިގެން އެބާވަތުގެ ބައެއް މައްސަލަތައް ގިނަ ބަޔަކަށް ޝަރީއަތް އަޑުއަހަން ވަދެވޭނެ ގޮތަށް ބާއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ވާހަކައާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ އޭހާރާއި މިހާރާ މުޅިން ތަފާތު ކަމަށެވެ. މިހާރު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ރާއްޖޭގެ ހުރިހާ ނޫސް އެޖެންސީތަކަށް ވެސް ވަދެވޭ ކަމަށާއި އެހެންކަމުން ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ މިހާރުވެސް ބާއްވާ ތަނުގައި ކަމަށް ގާޒީ ވިދާޅުވި އެވެ.
ނާޒިމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ހެކި ހޯދާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައި ފާސްކުރުމުގެ އަމުރު ހޯދާފައި ވަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލައިފާސްކުރުމުގެ އަމުރު ތަންފީޒުކޮށްފައިވަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށާއި އެކަންކަން ކްރިމިނަލް ކޯޓުގެ ޝަރީއަތުން ބެލޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ބަލައިފާސްކުރުމުގެ އަމުރު ބާތިލްކުރެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާކަން އެ ކޯޓުން ކޮށްފައިވާ ހުކުމުން އެނގޭ ކަމަށެވެ.
އެ މައްސަލައިގައި ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކޮށް، އެ ބަޔާންތައް ދީފައިވާތީ އެކަމުގެ ޝަކުވާ ވެސް މައުމޫން ހަމީދު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ހެކިބަސްދީފައި ވަނީ ކޮންބައެއްކަން ނޭނގޭތީ ދިފާއު ބިނާކުރަން އުނދަގޫވާ ކަމަށެވެ.
ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން މައުމޫން ހަމީދު ވިދާޅުވީ، ޖަވާބުދާރީ ވެވޭނީ މައްސަލާގައި ހިމެނޭ ހުރިހާ ލިޔުންތައް ލިބުމުން ކަމަށެވެ. އަދި އެ ލިޔުންތައް ލިބުމުން ޖަވާބުދާރީވާން ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން ސިއްރުކުރަން އެދިފައިނުވާ ލިޔުންތައް ފިޔަވައި އެހެން ހުރިހާ ލިޔުންތައް ކޯޓުން ދޭނެ ކަމަށެވެ. އަދި ޖަވާބުދާރީވާން ތިން ދުވަހުގެ ފުރުސަތެއް ދެއްވައި އެކަން ގާޒީ ވަނީ މައުމޫން ހަމީދަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް