މި އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި 10.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އިގްތިސޯދު ކުރިއަރުވައި، ދައުލަތުގެ އާމްދަނީ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. ރައީަސް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ދަރަނި ކުޑަކުރުމުގެ މަސަައްކަތްތައް ވެސް ކުރަމުން އަންނަކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، މިއަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 214.7 މިލިއަން އެމެރިކާ ޑޮލަރަށް ނުވަތަ ޖީޑީޕީގެ ނިސްބަތުން ހައެއް އިންސައްތަ ދަށްވާނެ އެވެ. މިދިޔަ އަހަރު މި ނިސްބަތް ހުރީ 10 އިންސައްތާގައި އެވެ.
ސަރުކާރުގެ ހަރަދުތަކާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ސަރުކާރުގެ ޑެފިސިޓް، 2013 ވަނަ އަހަރާ އަޅާބަލާއިރު، ކުޑަވެފައިވާ ކަމަށް މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.
މާލީ ސިޔާސަތަށް ގެންނަ ހެޔޮ ބަދަލުތަކުގެ ތެރެއިން، ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނުގެ މިންވަރު އިތުރުކުރުމުގެ ގޮތުން، އެމްއެމްއޭގައި ބަހައްޓާ ބޭންކުތަކުގެ ރިޒާވް އިތުރަށް ދަށްކުރުމަށް ގަސްތުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ރިޒާވްގެ މިންވަރު މި ސަރުކާރުން މިހާރު ވެސް ހުރީ 25 ޕަސެންޓުން 20 ޕަސެންޓަށް ދަށްކޮށްފަ އެވެ.
މީގެ އިތުރުން، ޑިޕޮސިޓަރުންގެ ފައިސާ ހިމާޔަތްކުރުމުގެ ގޮތުން ޑިޕޮސިޓް އިންޝުއަރަންސް ސްކީމެއް މި އަހަރު ތައާރަފު ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ފޮރިން އިންވެސްޓްމެންޓްތައް އިތުރުވަމުންދާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ނުހިމެނޭ، 24 ފޮރިން އިންވެސްޓްމަންޓް މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެ އިންވެސްޓްމަންޓުތަކުން ކުރިއަށް އޮތް ފަސް އަހަރަށް ޖުމްލަ 9.8 ބިލިއަން ރުފިޔާ، އިންވެސްޓް ކުރަން ހުށަހަޅައިފައިވެ އެވެ.
"މިއީ، ފާއިތުވެ ދިޔަ އަހަރާ އަޅާ ބަލާއިރު 100 އިން 70ގެ ކުރިއެރުމެއް. އިތުރަށޤ އެ މަސައްކަތް ކުރަން ޓޫރިސްޓުން އައުން މަދުވެފައިވާ މާކެޓަތަކުން މީހުން ގެނައުމަށް. އެގޮތުން ހާޢްސަ ސމާލުކ ަމެއް ޗައިނާ އާއި ރަޝިޔާ އަށް ދެން،" ރައީސް ވިދާޅުވި އެވެ.
މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބެލެވެމުން އައި ރާއްޖެ، އެފޯޑެބްލް ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް، އަދި މެދު ފަންތީގެ މީހުންނަށް ވެސް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް ތަރައްގީކުރަން އާ ރަށްތަކެއް ދޫކުރާނެ ކަމަށާއި އެގްރީމަންޓާ ހިލާފުވެގެން ވަކިކުރަންޖެހޭ ފަރާތްތަކުގެ ކިބައިން ރަށްތައް ވަކިކުރަމުން ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރިސޯޓް ތަރައްގީ ކުރުމަށް ޖޮއިންޓް ވެންޗަ އުސޫލުންނާއި ބީލަމުގެ އުސޫލުން 22 ރަށެއް މި އަހަރު ދޫކުރާނެ އެވެ. އަދި އެސްއީޒެޑްގެ އެންމެ ބިޔަ އެއް މަޝްރޫއު ކަމަށްވާ އައިހެވަންގެ މާސްޓަ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް