ރިއާސީ ބަޔާން އިއްވެވުމަށް ފަހު، ބޮޑުވައި އިނގިލި ތިރިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދިމާލަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި އިޝާރާތަކީ ގައުމެއްގެ ވެރިއެއްގެ ކިބައިން ފެނިގެންވާނެ ފަދަ އަމަލެއް ނޫން ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީޙުގެ ޖަކްސާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެން ދިޔައީ، ޕީޕީއެމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮވެ ފެނިގެންވާނެ ފަދަ މަންޒަރެއް ނޫން ކަމަށާއި އެއީ މަޖިލީގެ މެޖޯރިޓީއަކާ އެކު ރައީސަކު ކަންތައް ކުރައްވާނެ ގޮތެއް ވެސް ނޫން ކަމަށެވެ.
"މިއަދު ފެނިގެން އެ ދިޔައީ ހެޑް އޮފް ސްޓޭޓެއްގެ ފަރާތުން، ރިޔާސީ ބަޔާނެއް އިއްވުމަށް ފަހުގައި ރައްޔިތުންނަށް ދޭން ވާނެ މެސެޖެއް ނޫން،" އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީސް ތެރޭގައި މެމަބްރުން އިއްވި އަޑު ރައީސް ޔާމީނަށް "ފަހުމްވެއްޖެ" ކަމަށް އެމްޑީޕީ އާއި ޖޭޕީން ގަބޫލުކުރާ ކަމަށެވެ. ރިޔާސީ ބަޔާން ނިންމާލެއްވުމަށް ފަހު ވަޑައިގަތްއިރު، ރައީސް ޔާމީން މެމްބަރުންނަށް ކުރެއްވި އިޝާރާތް އިތުރަށް މާނަކުރައްވަން ޖެހޭނީ ނޫސްވެރިން ކަމަށް އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ބަޔާންގައި ރައީސް ވިދާޅުވި ކަންކަން ވެސް ވައުދާ އެއްގޮތަށް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕާޓީތަކުގެ ހައިސިއްޔަތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އުއްމީދުކުރައްވަ އެވެ. އެ ދެ ޕާޓީން އަބަދުވެސް ދެމިތިބޭނީ ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލާ ބައެެއްގެ ގޮތުގައި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެއްޗެއް ސާފު ނުވާކަމަށާއި ފަހުން ރިޔާސީ ބަޔާނަށް ޖަވާބު ދާރީވުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.
މިއަދުގެ ޖަލްސާއަށް ފަހު ރައީސް ޔާމީން ޖަލްސާ ދޫކުރައްވާނުކުމެވަޑައިގަތީ މެމްބަރުންނާ ދިމާލަށް ބޮޑުވައި އިނގިލި ތިރިކުރެއްވުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް