މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމުގެ ގޮތުން ހަނި ގޯޅިތައް ބަންދުކުރުމަށް ހައުސިންގ މިނިސްޓްރީން ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން ބަންދު ކުރި ދެ ގޯޅި އަލުން ހުޅުވާލާ އެ މަޝްރޫއަށް ބަދަލުތަކެއް ގެންނަން އެ މިނިސްޓްރީން ނިންމައިފި އެވެ.
މި މަޝްރޫގެ ދަށުން މީގެ ކުރިން ބަންދު ކުރީ ރަތްވިލާ ގޯޅި އާއި ހީނާ ގޯޅި އެވެ. ނަމަވެސް އެ ގޯޅީގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކާއި ގުޅިގެން އެ ދެގޯޅި އަލުން ވަނީ ހުޅުވާލާފައި އެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫގެ ދަށުން ކަނޑައެޅިފައިވާ ގޮތަށް ކުރިޔަށް ގެންދިޔަ ނަމަ އިއްޔެ އަކީ ވައިޖެހޭ ގޯޅި އާއި ލަންސިމޫ ގޯޅި ބަންދު ކުރަން ހަމަޖެހިފައި އޮތް ދުވަސް ކަމަށާއި ނަމަވެސް ޕްލޭނަށް ބަދަލުތަކެއް ގެންނަން ވެގެން އެ ދެ ގޯޅިވެސް ބަންދު ނުކުރާގޮތަށް ނިންމީ ކަމަށެވެ. އަދި އަލުން ހަނި ގޯޅިތައް ބަންދު ކުރާނީ އިތުރުަށް ދިރާސާ ކުރުމަށް ފަހު ކަމަށެވެ.
ރަތްވިލާ ގޯޅި އާއި ހީނާ ގޯޅި ބަންދުކުރުމުން އެ ދެގޯޅީގައި އުޅޭ ރައްޔިތުން ވަނީ މީގެ ކުރިން ޖަނަވަރީ މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކައިރީ މުޒާހަރާކޮށްފައި އެވެ. ހާއްސަކޮށް ރަތްވިލާ ގޯޅި އަކީ ގަރާޖުތަކެއް ހިންގާ ގޯޅިއެއް ކަމުން އެ ތަންތަނުގެ މަސައްކަތަށް އެ ދުވަސްވަރު ބުރޫ އެރިކަމަށް އެ ތަންތަނުގެ ވެރިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް