މުޒާހަރާތަކުގައި ނޫސްވެރިންނަށްލިބޭ ގެއްލުން ކުޑަކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

މުޒާހިރާ ތަކާ އެއްވުންތަކާ އެހެނިހެންވެސް ޙާލަތްތަކުގައި މީޑިއާތަކަށާއި ނޫސްވެރިންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބޭފުޅުންނާ ފުލުހު...

02 Mar 2015 | 03:33

މުޒާހިރާ ތަކާ އެއްވުންތަކާ އެހެނިހެންވެސް ޙާލަތްތަކުގައި މީޑިއާތަކަށާއި ނޫސްވެރިންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބޭފުޅުންނާ ފުލުހުންނާ މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ރޭ އިސްކަންދަރު ކޮށީގައި އޮތް ޚާއްޞަ ބައްދަލުވުމެއްގައެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެދުމުގެމަތިން މިރޭ ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ ކޮމިޓީގެ މުޤައްރިރު ޙުސައިން ޙަސަން އާއި ނައިބް މުޤައްރިރު އަޙްމަދު ޙަމްދޫން އާއި މެމްބަރުން ކަމުގައިވާ މިއުސަމް ޢައްބާސް އާއި ޙަފްސީ ޢަބްދުﷲ އާއި މުޙައްމަދު ރަފީޤުގެ އިތުރުން މޯލްޑިވްސް މީޑިއާ ކަައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި ބައިވެރިވި މީޑިއާ ކައުންސިލްގެ މެމްބަރުން ވަނީ މީޑިއާތަކަށް ލިބެމުންދާ ގެއްލުންތަކާއި ދަތިތަކާއި ހުރަސްތައް ފުލުހުންނާ ޙިއްސާ ކުރައްވާފައެވެ. މީގެއިތުރުން މީޑިއަތަކަށާއި ނޫސްވެރިންނަށް މުޒާހިރާތަކާ އެއްވުންތަކުގައި ލިބޭ ގެއްލުންތައް ތަޙުޤީޤުކޮށް އިންސާފު ހޯދައި ދިނުމުގައި ފުލުހުންގެ ކިބައިން އެދޭ ކަންކަމާމެދު މިބައްދަލުވުމުގައި މަޝްވަރާކޮށްފައި ވެއެވެ.

ރޭގެ މިބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ވަނީ މުޒާހިރާ ތަކާ އެއްވުންތަކާ އެހެނިހެންވެސް ބައެއް ޙާލަތްތަކުގައި މީޑިއާގެ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގައި ފުލުހުންނަށް ހުރި ދަތިތައް ޙިއްސާކޮށްފައެވެ. މިގޮތުން ފުލުހުން ފާހަގަކުރި އެންމެ މުހިއްމު އެއްކަމަކީ މުޒާހިރާ ތަކާއި އެއްވުންތައް ކަވަރ ކުރުމުގައި ޙަރަކާތްތެރިވާ މީހުންގެ ޢަދަދު ގިނަވުމުގެ މައްސަލައާއި މުޒާހިރާ ތަކާއި އެއްވުންތައް ކަވަރ ކުރުމުގައި ޙަރަކާތްތެރިވާ މީޑިއާތަކުގެ ބައެއް މީހުންގެ ފަރާތުން ފެނިގެންދާ ޢަމަލުތައް ހުންނަ ގޮތުން ކުރިމަތިވާ ދަތިތަކެވެ. ހަމައެއާއެކު މީޑިއާތަކުން ނުވަތަ ނޫސްވެރިންނާ ޚަބަރުފަތުރާ ފަރާތްތަކުން ކުރާ ކަންތައްތަކާ ފަތުރާ ޚަބަރުތައް ބަލައި ޒިންމާދާރު ކުރެވޭތަން ނުފެންނަ މައްސަލައާއި، މުޒާހިރާ ތަކާއި އެއްވުންތައް ކަވަރ ކުރުމަށް ފޮނުވާ ބައެއް ފަރާތްތަކަކީ ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ މިނިވަން މީޑިއާގެ މަސައްކަތާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ތަމްރީނެއް ލިބިފައި ނެތް ބަޔަކަށް ވުމުން ޤާނޫނީ ގޮތުން ޙަރަކާތްތެރިވާނެ މިންތައްވެސް އެފަދަ ފަރާތްތަކަށް އޮޅުންފިލާފައި ނުވާ މައްސަލަވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް ބައެއް މީޑިއާތަކުން އެއްވެސް މިންގަނޑެއްނެތި ގިނަ ޢަދަދަކަށް، މުޒާހިރާ ތަކާއި އެއްވުންތައް ކަވަރ ކުރުމަށް ޤަބޫލުކުރަން ދަތިވާވަރަށް މީހުން ފޮނުވާ މައްސަލަވެސް ހިމެނެއެވެ. ހަމަ މިއާއެކު މުޒާހިރާ ތަކާއި އެއްވުންތައް ކަވަރ ކުރަން ޙަރަކާތްތެރިވާ ބައެއް މީހުންގެ ފަރާތުން ފުލުހުންނާ ހުތުރު ބަސްތަކުން މުޢާމަލާތްކުރުމާއި ފުލުހުންގެ އޮޕަރޭޝަންތަކަށް ދަތިވާގޮތަށް ބައެއް ފަރާތްތަކުން ޙަރަކާތްތެރިވާ ޙަރަކާތްތެރިވުންވެސް ފުލުހުންގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މިބައްދަލުވުމުގައި ފުލުހުންނާ މީޑިއާ ކައުންސިލުންވެސް ވަނީ މިހާރު ހުރި ދަތިތައް ނައްތާލުމަށްޓަކައި މީޑިއާ ކައުންސިލާއި ފުލުހުން ގުޅިގެން ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށާއި، މުޒާހިރާ ތަކާއި އެއްވުންތައް ކަވަރަ ކުރުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. މިއާއެކު މީޑިއާގައި ޙަރަކާތްތެރިވާ، އަދި މީޑީއާގެ މަސައްކަތަށް އަލަށް ނުކުންނަ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ދިނުމުގެ މުހިއްމުކަމާ ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

ރޭގެ ބައްދަލުވުމުގައި ސެންޓްރަލް އޮޕަރެޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ސުޕްރިންޓޭންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު އާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި، ޗީފް އިންސްޕެކްޓަރ އިސްމާޢީލް ޝަމީމް އާދަމް، އާއި ޗީފް އިންސްޕެކްޓަރ ފަތުޙުﷲ ވަޙީދު އާއި، އިންސްޕެކްޓަރ ޢަބްދުލްމަތީން ޢަބްދުލް ކަރީމް އާއި، ސަބްއިންސްޕެކްޓަރ ޢަބްދުﷲ އިބްރާހީމް ގެ އިތުރުން ސަބްއިންސްޕެކްޓަރ މުޙައްމަދު ޞަބާހް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް