އިންތިޒާރުގައި - ހަވަނަ ބައި

" އޭނާ އެހެރީ ކިހިނެއް ވެފައިތަ؟؟" ނުރުހިފައި ޚާލިދު ބުންޏެވެ. " އެހަމްޒާ އަކީ މީގެކުރިން މަސްތުވާ ތަކެތީގެ މައްސައެއްގައި ޖަލަށް ވެސް ލާފަ ހުރިމީހެކޭ..." ޚާލިދުގެ މޫނު މަތިން އިންތިހާ ނުރުހުން ފެންނަ...

02 Mar 2015 | 02:50

" އޭނާ އެހެރީ ކިހިނެއް ވެފައިތަ؟؟" ނުރުހިފައި ޚާލިދު ބުންޏެވެ. " އެހަމްޒާ އަކީ މީގެކުރިން މަސްތުވާ ތަކެތީގެ މައްސައެއްގައި ޖަލަށް ވެސް ލާފަ ހުރިމީހެކޭ..." ޚާލިދުގެ މޫނު މަތިން އިންތިހާ ނުރުހުން ފެންނަން ހުއްޓެވެ." އަދ ިނުވިތާކަށް އޭނާއަކީ މީހެއްގެ ފިރިއެކޭ... ކުޑަ ކުއްޖެއްގެ ބައްޕައެކޭ"

ޚާލިދުގެ ވާހަކަ އަޑު އަހަމުން ދިޔައިރު އެތައް ކުލައެއް ހަސީނާގެ މޫނަށް އަރާ ފައިބަމުން ދިޔައެވެ. އޭނާގެ ރުޅި ހައްތަހާ ދިޔައީ ގަދަ ވަމުންނެވެ

" ނާހަމަ ތެދެއްތަ؟؟ " ހަސީނާ މަޑުމައިތިރި ކަމާއެކު ބުންޏެވެ. " އޭނާއަށް ދަސްވެފައި އެހެރީ އޭނާގެ އަމާގެވައްތަރު.... އަހަރެންވެސް ހަމަރަނގަޅަށް ފިރާގާއި އިނދެގެން އުޅެނިކޮށް އޭނާގެ އަމ ާއަހަރެމެންގެ މެދަށް ފުންމާލީ.. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ"

ހަސީނާ މިހެން ބުނިއަޑު ޝާނީއަށް އިވުނެވެ. އެވަގުތަކީ ޝާނީ ޓިއުޝަނަށް ދިޔުމަށްޓަކައި ގޭތެރެއިން ނިކުތްވަގުތެވެ. މީގެ ކުރިން އެދެމީހުން ދެއްކި ވާހަކައެއް ޝާނީ އަކަށް އަޑެއްނީވެއެވެ. ހަސީނާ މޫނު މައްޗަށް ރުޅި ދައްކަމުން އެއެއްޗެހި ކިޔަމުން ދަނީ ޝާނީއާއި ކަން އެނގުމުން، އިތުރަށް ފިޔަވަޅެއް ވެސް އަޅާކަށް ޝާނީ އަކަށް ނުކެރުނެވެ. އެހެންވެ އެދައްކާ ވާހަކަ އަޑުއިވޭ ހިސާބުގައި ގޭތެރޭގައި އޭނާ މަޑުކޮށްލިއެވެ.

" ތިދެން ކޮން ވާހަކައެއް..." ޗޮކެއް ކަނޑާލަމުން ޚާލިދު ބުންޏެވެ. " ޝާނީ ބެލުމުގެ ޒިންމާ ނަގަމުން ތިދަނީ ހަސީނާ.... އޭނާ އުޅޭ ނޫޅޭގޮތް ބަލަން ޖެހޭނީ ހަސީނާއެއް ނޫންތަ..؟"

" އަހަންނަށް ހެޔޮ އޭނާ ކޮންމެ ވައްތަރަކަށް އުޅުނަސް" ބާރު ބާރަށް ހަސީނާބުންޏެވެ. " އެ މީހަކާއި އިނދެގެން ވެސް މަގޭ ލޯމަތިން ރައްކާ ވެދާނެ އެއްނު.." ދޮންމަންމަގެ ހަމަލާ އިން ޝާނީގެ ހިތަށް ވަރަށް ތަދުވިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ފަނޑުވެގެން ދިޔައެވެ.

" އެކަމަކު އަހަރެން ބޭނުމެއް ނުވެޔޭ ޝާނީ އެހެން ބައެއްގެ ދިރިއުޅުމަށް އަރައި ގަންނާކަށް..." ޚާލިދުވެސް ބުނީ މަޑަކުން ނޫނެވެ. "އަނެއްކޮޅުން އެނގި އެނގި ހުރެ ޝާނީގެ ހަޔާތް ބަރުބާދު ކޮށްލާކަށް އަހަރެން ހުއްދައެއް ނުދޭނަމޭ.." ޚާލިދު ބުނި އެއްޗެއްގެ މާނަ ދެނެގަންނާކަށް ޝާނީ އަކަށް ނޭގުނެވެ. އަނެއްކާ އެމީހުން އެދައްކަނީ ހަމްޒާގެ ވާހަކަ ނޫންބާއޭ އޭނާގެ ހިތަށް އެރިއެވެ. ހަމްޒާގެ ހަގީގަތް ޚާލިދަށް އެކިޔާދިނީ ކާކުބާއޭ ހިތްބުންޏެެވެ. ޚާލިދުބޭގެ ހަމްދަރުދީގެ ބަސްތަކުން ޝާނީގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

"ޝާނީއަކީ އަހަރެމެންގެ ޒިއްމާއެއް ނޫނޭ ޚާލިދޫ " ހަސީނާ ޚާލިދަށް ވިސްނާ ދެވޭތޯ އުޅުނެވެ. " އޭނާ އުޅޭނެ ގޮތަކަށް އުޅެފާނެ އެއްނު"

ދޮންމަންމަގެ ބަސްތަކުން ޝާނީގެ ހިތް ކުދިކުދި ވިކަހަލައެވެ. އޭނާގެ ނަސީބާމެދު ޝަކުވާގެ ނަޒަރަކުން އަނެއްކާވެސް ބަލާލެވުނެވެ. މަންމައެއް ބައްޕައެއް ނެތި ދުނިޔޭގައި ބިކަވެފައި ވާއިރު ގެންގުޅޭ ދޮންމަންމަގެ އަނގައިން މިފަދަބަސްތަކެއް އިވުނު މީފުރަތަމަ ފަހަރެވެ. ޝާނީ ކުރިން ހީކުރީ ޝާނީގެ ސަބަބުން ދޮންމަންމަ އަށް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ވާކަމަށެވެ. ނަމަވެސް އޭނާއަކީ އެމީހުނަށް ޖެހިފައިވާ އިތުރު ބުރައެއްކަން އެނގުމުން ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.

"ޝާނީއަކީ އަހަރެންގެ އަމިއްލަ ދަރިޔަކަށް ނުވިޔަސް، އަހަރެން ދެކެނީ ޝާނީއަކީ އަހަރެންގެވެސް ދަރިއެއްގެ ގޮތުގައި.." ޚާލިދު ބުންޏެވެ. މި ޖުމްލަ އާއިއެކު ޝާނީގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް އޮހިގަތެވެ. " އަހަރެން ޝާނީ މިކަންތައް ގަނޑުން ސަލާމަތް ކޮށްދޭނަން"

އެއާއެކު ޝާނީއަށް ގިސްލެވެން ފެށުނެވެ. ކިތައްމެ ހިތްވަރު ކުރިޔަސް މީހާ ނިކަމެތި ވެގެންދާ ވަގުތު، އޯގާވެރި ކަމުގެ ބަހެއް އަނެކާ ބުނުމުން، ހިތަށް ކުރާ އަސަރެއްގެ ބޮޑުކަމުން ރޮއި ގަތުމަކީ އިންސާނީ ތޮބީއަތުގައި ވާކަމެކެވެ.

ޝާނީ ސިއްސައިގެން ދިޔައީ ފާއިގު ޝާނީގެ އަތުގައި ހިފާލުމުންނެވެ. ޝާނީ ކައިރީގައި ފާއިގު ހުރިކަން ޝާނީއަށް އިހުސާސް ކުރެވުނީ އެހާ ހިސާބުންނެވެ. ޝާނީ ފާއިގު ގެމޫނަށް ބަލާލިއެވެ. އޭރު ފާއިގު ދެލޯ ފުރިގެން ކަރުނަތައް އެނާގެ ކޯ ތެންމަމުން ދިޔައެވެ. އެއާއި އެކު ޝާނީ ފާއިގު ގެނެސް އޭނާގެ މެޔާލާ ބޮނޑި ކޮށްލި އެވެ

ކޮބާތަ އެޝާނީ މިހާރު..؟" ހަސީނާޖޯލިންތެދުވަމުންބުންޏެވެ. " ތީ ތެދަކަށް ވެއްޖެއިއްޔާ އޭނާއަކަށް މިގެއަކު އިތުރަކަށް ނޫޅެވޭނެ"

"ހަސީނާ އޭނާއާއި ދިމާއަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެ.." ޚާލިދު ރުޅިވެރި ރާގަކަށް ބުންޏެވެ. " އަހަރެން ޝާނީ އާއި ވާހަކަ ދައްކާނަން"

ކޮޓަރިއަށް ވަދެ މޫނު ފޮހެލައިގެން ޝާނީ ނިކުތީ ބޭރަށެވެ. އެވަގުތަކީ ދޮންމަންމަ ގިފިލީގައި ވީ ވަގުތެކެވެ. ޚާލިދު އޮތީ އަދިވެސް ބޭރު ޖޯލީގައި ފިކުރުގައެވެ.

" ޝާނީ..! އެކޮއެ އާދެބަލަ މިކޮޅަށް" ޝާނީ ފެނުމުން ޚާލިދު ބުންޏެވެ. ޖެހިލުންވެހުރެ ޝާނީ ޚާލިދު އިން ޖޯއްޔާ ދިމާއަށް ދިޔައެވެ. ޚާލިދު ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަމެއް ޝާނީއަކަށްވެސް އެއްގޮތަކަށްވެސް ނޭގެއެވެ.

"ޝާނީ ރޭގަ ކިހާއިރަކު ނިދަން އައީ.." ޚާލިދު އެހިއެވެ. އެއާއެކު ޝާނީގެ މޫނުމައްޗަށް ހާސްކަން ވެރިވެގެން ދިޔައެވެ. ކަންތައް ވެގެން އުޅެގޮތް އެނގޭހާވީ އެހިސާބުންނެވެ. ރަޝީދު ޚާލިދުބޭއަށް ހުރިހާ ވާހަކަތަކެއް ކިޔާދީފިކަން އެނގުނީ އެވަގުތުއެވެ. "އެފަދަ ވަގުތުތަކުގައި ބޭރަށް ދަންޏާ މަންމަ އަށް އެނގިލާފައެއްނު ދާންވާނީ.." ޚާލިދު ވާހަކަދެއްކީ އޯގާތެރި ކަމާއެކުގައެވެ.

" ރަހުމަތްތެރި ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރަން ކައްދޫ ރެސްޓޯރެންޓަށް ދިޔައީ.." މަޑުމަޑުން ޝާނީބުންޏެވެ. " އެތަނުން ނިމުނު އިރު 1 ޖަހަން އުޅޭނެ.. ދެން ސީދާ އައީ ހަމަ ގެއަށް"

" ޝާނީއަށް އެނގޭތަ ހަމްޒާއަކީ ކިހާވަރެއްގެ ކާކުކަން..؟" ޚާލިދު މަސައްކަތް ކުރީ ހަމަޖެހޭކަން ދެއްކުމަށެވެ. ޚާލިދަށް ހަމްޒާގެ ނަން އެނގުމުން ޝާނީ ހައިރާންވިއެވެ. އޭނާ އަށް ހައިރާންވެފައި ޚާލިދަށް ބަލާލެވުނީ އެހެން ވެގެންނެވެ.

" ބޭބޭ! ހަމްޒާއަކީ ވަރަށް ރަނގަޅުމީހެއް..." ޝާނީ ހަމްޒާގެ ދިފާއުކުރިއެވެ. " އޭނާ އަހަންނަށް ދެރަގޮތެއް ނަހަދާނެ... އެވަރުގެ ޔަގީންކަން އަހަންނަށް އޮވޭ.."

" ޝާނީއަށް އެނގޭތަ އޭނާ އަކީ މީހެއްގެ ފިރިއެއްކަން..." ޚާލިދު ބުންޏެވެ. " އެނގޭތަ އެއީ ކުޑަކުޑަކުއްޖެއްގެ ބައްޕައެއްކަން.."

ޚާލިދު އަދިވެސް މަސައްކަތްކުރީ ހަމަޖެހިގެން ވާހަކަދެއްކުމަށެވެ.

އެވަގުތު ގިފިލި ދޮރުހުޅުވާލާފައި ހަސީނާ ނިކުތެވެ. އެމީހުން ދެއްކިވާހަކަ ހަސީނާއަށް އަޑުއިވުނެވެ. ޚާލިދު ހިތްހަމަ ނުޖެހިދާނެތި އަނގަމަޑުން ލައިގެން ހުރެވޭތޯ ހަސީނާ މަސައްކަތް ކުރަމުންދިޔައެވެ. އޭނާގެ ހިތަށް މިވަގުތު އެތައްއެއްޗެއް އަރަމުން ދިޔައެވެ.

" ބޭބޭ... އޭނާ އަކީ މިހާރު މީހެއްގެ ފިރިއެއްނޫނޭ.." ޝާނީ އިހުތުރާމާއެކު ބުންޏެވެ. " އޭނާ މިގެ މާކުރިން ކައިވެޏެއް ނުރި... އަދި އެކައިވެންޏަށް ދަރިޔަކު އޮންނަކަންވެސް އަހަރެންނަށް އެނގޭ"

"އާނ ތީ ހަމަ ކަލޭގެ އަމާގެވެސް ވައްތަރު..." އެންމެފަހުން އަނގަމަޑުން ލައިގެން ހަސީނާއަކަށް ނީނދެވުނެވެ. " ކަލޭގެ އަމާވެސް އަހަންނާ ފިރާގުގެ މެދަށް ފުންމާލި ހަމަ ތިހެން"

" މަންމާ..." ޝާނީއަށް ވަރަށް ބާރަށް ބުނެވުނެވެ.

" ކޮން މަންމާއެކޭ ކިޔާކަށް އޭނ.." ޝާނީގެ އަޑަށްވުރެ ބާރަށް ހަސީނާ ބުންޏެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް