ޝަހާދަތުގެ ދެކަލިމައަކީ ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރެއް: ޚުތުބާ

ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ، مُحَمَّدٌ رَسُوْلُ اللهِ އަކީ، ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރެއް ކަމަށް މިއ...

02 Feb 2024 | 08:37

ޝަހާދަތުގެ ދެކަލިމަ ކަމުގައިވާ لَا إِلَـٰهَ إِلَّا اللهُ، مُحَمَّدٌ رَسُوْلُ اللهِ އަކީ، ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ ޝަހާދަތުގެ ދެކަލިމައަކީ އިސްލާމް ދީން އެ ދެ ކަލިމައެއްގެ މަތީގައި ބިނާވެފައިވާ، އިސްލާމް ދީނުގެ ބިންގާ ކަމަށާއި، މާތް ﷲ ގެ ޢަޛާބާއި ޢުޤޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމައިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަ ކަމަށެވެ. އަދި އެއީ އެކަލާނގެ ދިންނެވުމާއި ނިޢުމަތުގެ ގޯތިކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާޞިލުކޮށްދޭނެ ވަސީލަތެއް ކަމަށާއި އަހަރެމެން އޭގެ މަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސް ކަމަށެވެ.

ޚުތުބާގައި ބުނީ ޝަހާދަތުގެ ދެކަލިމައަށް ފުރިހަމަ ގޮތުގައި އީމާންވުމަށްޓަކައި، މިދެކަލިމަ މުސްލިމާގެ ޙަޔާތާ ގުޅިފައިވާ ގޮތްތައް ދެނެގަތުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން، ޝަހާދަތުގެ ދެކަލިމަ ނިސްބަތްވަނީ މާތް ﷲ އާއި، އެކަލާނގެ ރަސޫލާ ﷺ އަށެވެ. ޝަހާދަތުގެ ދެކަލިމަ އޭގެ ޙަޤީޤީ މާނާގައި ހިތުގެ އަޑިން ޤަބޫލުކުރާ މީހާ، މާތް ﷲ ގެ ފޮތާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތް އޭނާގެ ޙަޔާތާ ގުޅުވާލާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މާތް ﷲ ގެ ކަލާމްފުޅުގެ ތަފްސީރާއި، މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅުތަކުގެ ޝަރަޙަ އުނގެނެން ބޭނުންވާ މީހަކަށް، އަދަށްވުރެ ބޮޑަށް މިކަންތައް ފަހިވެ، ފަސޭހަވެފައިވީ ޒަމާނެއް ދުނިޔޭގެ ތާރީޚު ދެކެފައި ނުވާ ކަމަށެވެ. އެގޮތުން، މިއަދު އަހަރެމެންގެ ޖީބުގައިވާ ފޯނުންނާއި މިނޫންވެސް އިލެކްޓްރޯނިކް އާލާތްތަކުން މިކަންތައް ފަސޭހަ ކަމާއެކު ކުރެވޭ ކަމަށާއި، މި ފަސޭހައާއެކު ޤުރްއާން ކިޔެވުމާއި ޙަދީޘްތައް ކިޔުން އަހަރެމެންގެ ކިބައިގައި އަށަގެންފައިވާ އާދައަކަށް ހަދަން ބޭނުންވާ މީހާއަށް، ނުހަނު ފަސޭހައިން އެކަން ކުރެވިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ނަފްސާނީ ޢިލްމުގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ރަނގަޅުކަމެއް، މީހެއްގެ ކިބައިގައި އާދައަކަށް ހެދުމަށްޓަކައި ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް އެކަމެއް ކުރުންމަތީ ދެމިހުރުން ވަރަށް މުހިންމު ކަމަށް ޚުތުބާގައި ބުންޏެވެ. ޤުރްއާން ކިޔެވުމާއި ޙަދީޘް ކިޔުން އެމީހެއްގެ ކިބައިގައި އާދައެއްގެ ގޮތުގައި އަށަގަންނުވަން ބޭނުންވާ މީހަކަށްވެސް މިފަދަ ގޮތަކަށް ޢަމަލު ކުރެވިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ކޮންމެ ދުވަހަކު ފަސް މިނެޓް ޤުރްއާން ކިޔަވަން އަދި ފަސް މިނެޓް ޙަދީޘް ކިޔަން މަހެއްހާ ދުވަސް ހޭދަކޮށްފިކަމުގައި ވާނަމަ ﷲ ގެ އިރާދަފުޅާއެކު އެކަމަށް އާދަވުމަކީ ވަރަށް ގާތްކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ޝަހާދަތުގެ ދެކަލިމައިގެ މުރާދާ އެއްގޮތަށް ދިރިއުޅުން ބިނާކުރުމަށްޓަކައި މި ދެކަލިމައިގެ ޝަރުޠުތައް އެނގުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. މި ދެކަލިމަ ލާޒިމުކުރާ ކަންކަން ރަނގަޅަށް އުނގެނުމާއެކު، މި ދެކަލިމައިގެ މުރާދު ރަނގަޅަށް ދެނެގަނެ، ޝައްކުކަމެއް ނެތި ޔަޤީންކުރަންވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މިދެކަލިމައިން ދޭހަކޮށްދޭ އެންމެހާ ކަންތައް އިޚްލާޞްތެރިކަމާއެކު ޤަބޫލުކޮށް، ދުލުން ކިޔައި، ހިތުން އިޤުރާރުވާންވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

އަހަރެމެންގެ އަޚްލާޤީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާކުރެވިފައިވުމަކީ އަހަރެމެންގެ ޙަޔާތް ޝަހާދަތުގެ ދެކަލިމަޔާ ގުޅިގައިވާ ކަމުގެ ނިޝާނެއް ކަމަށާއި، މިއީ ފާފަތަކަށް އަރައިގަތުމުން ވެސް މީހާ ދުރުކުރުވާނެ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް