މެރިޓައިމް ސިނާއަތުގައި ދިވެހިން ބިނާކުރުމާއިމެދު ވާލްޑް މެރިޓައިމް ޔުނިވާސިޓީއާއިއެކު މަޝްވަރާކޮށްފި

ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރައްވާ މީހުން ބިނާކުރުމަށްޓަކައި ވާލްޑް މެރިޓައިމް ޔުނިވާސިޓީއައި އެކު މިއަދު މަޝްވަރާކޮށްފިއެވެ. އޮންލައިންކޮށް ކުރިޔަށްގެންދިއަ މި މަޝްވަރާ ބައްދަލުވުމު...

02 Feb 2023 | 15:45

ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރައްވާ މީހުން ބިނާކުރުމަށްޓަކައި ވާލްޑް މެރިޓައިމް ޔުނިވާސިޓީއައި އެކު މިއަދު މަޝްވަރާކޮށްފިއެވެ.

އޮންލައިންކޮށް ކުރިޔަށްގެންދިއަ މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން  އައިޝަތު ނަހުލާ އާއި ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް އަނީ އާއި ކަމާބެހޭ އިސް ބޭފުޅުންނާއި ވާލްޑް މެރިޓައިމް ޔުނިވާސިޓީގެ ރައީސު ޑޮކްޓަރ ކްލިއޯޕެޓްރާ ޑޮމްބިއާ ހެންރީ އަދި ނައިބް ރައީސު ޕްރޮފެސަރ މާ ޝުއޯ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓްރީން ހާމަކުރާގޮތުގައި މި ބައްދަލުވުމުގައި ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރުކޯސްތައް ހިއްގަވައި ދެއްވާނެކަމަށާއި އެގޮތުން އީ-ލާނިން ޕްލެޓްފޯމް ބޭނުންކުރެވޭނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވުމާއެކު ވާލްޑް މެރިޓައިމް ޔުނިވާސިޓީން ކުރިޔަށް ގެންދަވާ 50 ހަށްވުރެ ގިނަ ކުރު ކޯސްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކުރު ކޯސްތައް ހިންގުމަށް ކަމުގެ ތަޖްރިބާކާރު ބޭފުޅުން ފޮނުވައްވައި ދެއްވާނަކަން މިބައްދަލުވުމުގައި ހާމަކުރެއްވިއެވެ.

މިހާތަނަށް މީގެކުރިން މި ޔުނިވާސިޓީއިން ދިވެހިރާއްޖޭގެ 15 ބޭފުޅަކު ތައުލީމު ހާސިލުކު ރައްވާފައިވާކަމާއި އެފަރާތްތަށް ތިބުމާއި އެކު އެބޭފުންގެ ބޭނުން ރާއްޖެއަށް ލިބެމުންދާނެކަން ފާހަގަކުރެއްވި ކަމަށާއި މިހާރުވެސް މި ޔުނިވާސިޓީގައި ދިވެހިރާއްޖޭގެ ދެ ދަރިވަރަކު ސްކޮލާޝިޕްގެ ތެރެއިން ކިޔަވަމުންދާކަމަށާއި އެގޮތުން ކުރިޔަށް އޮތްތާގައި ޕޯސްޓް ގްރެޖުއޭޓް ކޯސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަންވެސް ފާހަގަކުރެއްވި ކަމުގައި މިނިސްޓްރީން ބުނެއެވެ.

1980 ގެ އަހަރުތަކުގެ ކުރީކޮޅު، ޚާއްޞަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގައި، ޤާބިލު، ކަނޑާއިގުޅޭ މަތީ ތަޢުލީމާއި ތަޖުރިބާކާރުންގެ ދަތިކަން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ ތެރޭގައި ހުރިކަން  ފާހަގަކުރެވުމާއި ގުޅިން 1983 ވަނަ އަހަރު އައި.އެމް.އޯ އިން ވޯލްޑް މެރިޓައިމް ޔުނިވާސިޓީ (ޑަބްލިޔު.އެމް.ޔޫ) އުފެއްދެވިއެވެ. މި ޔުނިވާސިޓީ އަކީ ސްވިޑެންގައި ގާއިމްކޮށްފައިވާ ޔުނިވާސިޓީއެކެވެ.

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑަބްލިޔު.އެމް.ޔޫ ނިންމާފައިވާ ދަރިވަރުން ދަނީ ކަނޑުގެ ދާއިރާއާއި ކަނޑުގެ ދާއިރާ ބައްޓަން ކުރަމުންނެވެ. ޑަބްލިޔު.އެމްޔޫ.ގެ ކުރީގެ ދަރިވަރުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިނިސްޓްރީތަކުގައި، ޝިޕިން ކުންފުނިތަކާއި ބަނދަރުތަކުގެ ޑިރެކްޓަރުންގެ މަގާމުތަކާއި، މެރިޓައިމް އެކަޑަމީތަކާއި ކަނޑުގެ ސިފައިންގެ ޖަމިއްޔާތަކުގެ އިސްވެރިންގެ މަގާމުތައް އަދާކުރައްވާ ބޭފުޅުންނެވެ. ދިވެހިރާއްޖޭގައިވެސް ގާނޫނީ ދާއިރާގައި ބަނދަރު ހިންގުމުގެ ދާއިރާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އިންޝޫރަންސްއާއި ގުޅޭ ދާއިރާތަކުގައި އަދި މެރިޓައިމް އިންޑަސްޓްރީގެ އެހެނިހެން ވަޒީފާތަކުގައި މި ޔުނިވާސިޓީއިން ތައުލީމު ހާސިލުކުރައްވާފައި ތިއްބެވި ބޭފުޅުން ދަނީ ގައުމަށް ޚިދުމަތް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް