ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ލަންކާގެ ހާރިޖީ ވަޒީރު އަލީ ސަބްރީގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެގޮތުން ޝާހިދު ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އަދި މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެ ޤައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނަ އަދި އެ ޤައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި ސްޓޭޓް މިނިސްޓަރ އަހުމަދު ހަލީލާއި ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހާލާ ހަމީދު ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް