ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުން ހެއްކާ ބެހޭ ގާނޫނަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހިންގައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ޖަނަވަރީ 31 އަދި ފެބްރުއަރީ 1 ވަނަ ދުވަހު ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހެއްކާ ބެހޭ ގާނޫނުގައި ހުރި ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި މާއްދާތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ.
އަދި އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ނ. ރ. ބ އަދި ޅ. އަތޮޅު ކޮމާންޑަރުންނާއި އެ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި އިންވެސްޓިގޭޝަން އޮފިސަރުންނާއި ޓީމް ލީޑަރުންނާއި ފްރަންޓް ލައިން އޮފިސަރުން ހިމެނޭހެން 79 ފުލުހުން ބައިވެރިވެފައި ވެއެވެ.
މީގެ އިތުރުން އެ ހަތަރު އަތޮޅުގެ ޕީޖީ ގޮފީގެ ހަތް ޕްރޮސެކިއުޓަރުން ވެސް މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް