މާލޭ ސިޓީ ކައުންސިލްގެ ދެ އުސޫލެއް ބާތިލުކުރަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ސްޓެލްކޯ އިން ހުށަހެޅީ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލު ބާތިލުކުރުމަށެވެ.
ސްޓެލްކޯއިން މިއަދު ބުނީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ އެއީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭސިޓީކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލް ކަމަށްވާތީ ކަމަށެވެ.
ސްޓެލްކޯއިން ބުނީ މި ދެ މައްސަލަ ވައްދައި މި މައްސަލައާއިމެދު ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން އެ ދެ އުސޫލަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށްވެސް ހައިކޯޓުގައި އެދިފައި އެވެ.
ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލުން އެ އުސޫލުތައް ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ އެއްވެސް ފަރާތަކާއި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި ބައެއް އަގުތައް 154 އިންސައްތަ މަތި ކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް