ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ވިހަން ކައިރިވީންސުރެ ފިރިމީހާ ރަންބީރު ކަޕޫރާއި ދެމީހުންނާއި މީޑިއާއިން ކުރި ސުވާލަކީ ވިހެއުމަށް ފަހު ދަރިފުޅު ބަލަން ހަމަޖައްސާފައި އޮތީ ކިހިނެތްތޯ އެވެ.
އޭރުން ފެށިގެން އާލިއާ ވިހޭ ފަހުންވެސް ދެމީހުން ބުނަމުން ދިޔައީ އަބަދުވެސް ކޮންމެސް އެކަކު ދަރިފުޅު ރަހާ ކަޕޫރު ބަލަން ގޭގައި ހުންނާނެ ކަމަށެވެ. ހާއްސަކޮށް ރަންބީރު ހަ މަހުގެ ޗުއްޓީއެއް ނަގާ ވާހަކަ ދައްކައިގެން މީޑިއާގައި އެކަމަށް ބޮޑު ސަމާލުކަމެއް ލިބިފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު ހަ ވަނަ ދުވަހު ދަރިފުޅު ވިހެއުމާއި އެކު އާލިއާ ވަނީ ހަފްތާއެއްގެ ބްރޭކެއް ނެގުމަށް ފަހު ފިޓުވާން ކަސްރަތު ކުރަން ފަށާފައި އެވެ. ތިން މަސް ތެރޭ އާލިއާ ވަނީ ކުރިން ހުރި ވަރަށް ހިކި ފިލްމު ކުޅެއް ތައްޔާރުވެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފިލްމެއްގެ ޝޫޓިންއެއް ކުރިޔަށް ނުގެންދިޔަޔަސް އޭނާ މިހާރު ފިލްމީ ދާއިރާގެ މަސައްކަތްތަކަށް ދާން ވަނީ ފަށާފައި އެވެ. އެގޮތުން ބައެއް ހަފްލާތަކާއި މީހުންނާއި ބައްދަލު ކުރުމާއި ކުރިޔަށް ސޮއި ކުރާނެ ފިލްމުތަކާއި ގުޅޭގޮތުން ޑައިރެކްޓަރުންނާއި ދަނީ މަޝްވަރާ ކުރަމުންނެވެ.
ރަންބީރުވެސް އޭނާގެ ކުރިޔަށް ހުރި ފިލްމުތައް ކަމަށްވާ "އެނިމަލް" ފަދަ ފިލްމުތަކުގެ ޝޫޓިންތަކާއި ޕްރޮމޯޝަންތަކުގައި އުޅެމުންދަނީ އަވަދި ނެތި އެވެ. ގިނައީ ދެމީހުން އެކުގައި މަސައްކަތުގައި ބިޒީވާ ވަގުތަކެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ވަގުތުތަކުގައި ރަހާ ބަލަނީ އާލިއާގެ މަންމަ ސޯނީ ރަޒްދާނީ އާއި ދައްތަ ޝަހީން ބަޓެވެ. އެމީހުންނަށް ނޫޅެވޭ ވަގުތުތަކުގައި ރަހާ ބަލަނީ ރަންބީރުގެ މަންމަ ނީތޫ ކަޕޫރެއެވެ. އެކަމަކު މަސައްކަތް ނިމޭއިރަށް ރަންބީރާއި އާލިއާ ވީހާވެސް އަވަހަކަށް ރަހާ ކައިރިއަށް ގެއަށް ދެވޭތޯ ބަލާ ކަމަށްވެ އެވެ.
މި ހަބަރާއި އެކު ސޯޝަލް މީޑިއާގައި އެމީހުންނަށް ފާޑުކިޔާ މީހުން ބުނެފައިވަނީ ދަރިފުޅު ބަލަން އެކަކު ގޭގައި ހުންނާނެ ކަމަށް ބުނެ ދެއްކީ ފޮނި ވާހަކަތަކެއް ކަމަށެވެ. އެ ހުރިހާ ވާހަކައަކީ މީހުންގެ ސަމާލުކަން ހޯދަން ދެއްކި ވާހަކައެއް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް