ވިލިމާލޭގައި އެމްޓީސީސީގެ އާރުޓީއެލްއިން ދެމުންދާ ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާނެ ކަމަށް ބުނެފި އެވެ.
ވިލިމާލޭގައި އީވީ ބަހުގެ ހިދުމަތް ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. މިހާތަނަށް އެހިދުމަތް ދެމުންދަނީ އާންމުން އަހުލުވެރި ކުރުވުމުގެ ގޮތުން ހިލޭ އެވެ.
އެމްޓީސީސީން ބުނީ މާދަމާއިން ފެށިގެން ބަސް ދަތުރަކަށް ފަސް ރުފިޔާ ނަގާނެ ކަމަށެވެ. ބަހަށް ތިން ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ.
އެއީ އާރުޓީއެލް ވެބްސައިޓާއި މޮބައިލް އެޕް މެދުވެރިކޮށް ކިއުއާރު ޓިކެޓު ނެގުން އަދި ކޮންޓެކްޓްލެސް މާސްޓާ ކާޑު، ވިސާ ޑެބިޓް ކާޑު، މާސްޓާ ކާޑުން ޓިކެޓު ނެގުމުގެ އިތުރުން ކަރުދާސް ޓިކެޓު ގަނެގެންނެވެ. މީގެ ތެރެއިން ކަރުދާސް ޓިކެޓު ލިބެން ހުންނާނީ ހަމައެކަނި ބަހުންނެވެ.
އެމްޓީސީސީން ބުނީ ކަރުދާސް ޓިކެޓު ގަތުމަށް ފަހު ފައިސާ ލާން ބަހުގައި ފޮށްޓެއް ބެހެއްޓިފައި ހުންނާނެ ކަމަށާއި މާލެއެކޭ އެއްގޮތަށް އެއަށް ފައިސާ ލާންވާނީ ހަމައަށް ކަމަށެވެ. އަދި ބާކީ ފައިސާ ނުދެވޭނެ ކަމަށް ބުންޏެވެ. އެގޮތަށް ހަމަޖައްސާފައިވަނީ ވަގުތު ސަލާމަތްކޮށް، ދަތުރު އަވަސް ކުރުމުގެ ގޮތުންނެވެ.
ކަރުދާސް ޓިކެޓަކީ އިސް ރަށްވެހިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ދޭ ހިދުމަތެކެވެ.
އެމްޓީސީސީން ބުނީ އަގު ނަގަން ފެށި ނަމަވެސް ސްކޫލް ޔުނިފޯމްގައި ތިބޭ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން އަދި ދެ އަހަރުން ދަށުގެ ކުދިންނަށް ބަހުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.
ވިލިމާލޭގައި 13 ރޫޓަކުން 24 ގަޑިއިރު ބަހުގެ ހިދުމަތް ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް