ލޯބިވެރިޔާ އަށް ޖިންސީ ގޯނާކޮށް ތަޅާ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ހައްޔަރުން ދޫކޮށްލައިފިއެވެ.
ގްރީންވުޑް ހައްޔަރުން ދޫކޮށްލިނަމަވެސް މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިޔަށެވެ. އަދި އޭނާ ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުންކަމަށް ރިޕޯޓުތައް ބުނެއެވެ.
ލޯބިވެރިޔާ އަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވެ ގްރީންވުޑް ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު އިންސްޓަގްރާމުގައި އޭނާގެ ލޯބިވެރިޔާ އަނިޔާކުރިކަން ދައްކުވައިދޭ ފޮޓޯތަކަކާއި އޯޑިއޯއެއް އާންމުކުރުމާއި ގުޅިގެންނެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ގްރީންވުޑްގެ ލޯބިވެރިޔާ ހެރިއަޓްގެ އަނގަމަތި ފަޅައިގެން ގޮސް ލޭ އަންނަ މަންޒަރާއި ފައިގެ ފަލަމަސް ގަނޑަށް ލިބިފައިވާ ޒަޙަމްތައް ފެންނަން ހުއްޓެވެ.
މި މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ އިރު، ޔުނައިޓެޑުން ވަނީ ގްރީންވުޑް އެ ކްލަބްގެ ހަރަކާތްތަކުން މުއްދަތެއް ނެތް ގޮތަށް އެކަހެރިކޮށްފަ އެވެ. މީގެ އިތުރުން ނައިކީން ވަނީ ގްރީންވުޑާ އެކު އޮތް ސްޕޮންސަޝިޕް އެއްބަސްވުން ވެސް ވަނީ ވަގުތީ ގޮތުން މެދު ކަނޑާލައިފައެވެ. އަދި ފީފާ 22 ވީޑިއޯ ގޭމްގެ އެކްޓިވް ސްކޮޑުން ވެސް ގްރީންވުޑް ވަނީ ވަކިކޮށްފައެވެ.
މިކަމާ ގުޅިގެން ގްރީންވުޑާއި އޭނާގެ މަންދޫބުންގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް