ގްރީންވުޑް އޭނާގެ ލޯބިވެރިޔާ ހެރިއެޓް ރޮބިންސަން އަށް މަރުގެ އިންޒާރުވެސް ދީފައިވޭ - ރިޕޯޓްސް

މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ތަރި މޭސަން ގްރީންވުޑް އޭނާގެ ލޯބިވެރިޔާ ހެރިއެޓް ރޮބިންސަން އަށް ޖިންސީ ގޯނާކޮށް ތަޅާ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ....

02 Feb 2022 | 10:05

މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ތަރި މޭސަން ގްރީންވުޑް އޭނާގެ ލޯބިވެރިޔާ ހެރިއެޓް ރޮބިންސަން އަށް ޖިންސީ ގޯނާކޮށް ތަޅާ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ.

ގުރީންވުޑް އޭނާގެ ލޯބިވެރިޔާ އަށް ޖިންސީ ގޯނާކޮށް ތަޅާ އަނިޔާކޮށްފައިވާކަން ފަޅާ އެރީ އޭނާގެ ލޯބިވެރިޔާ ހެރިއެޓް ރޮބިންސަން ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކުންނެވެ.

ހެރިއެޓް ރޮބިންސަން އަށް ލިބިފައިވާ ޖިސްމާނީ އަނިޔާތަކުގެ ފޮޓޯތައް އޭނާ އާންމުކުރީ އިންސްޓްގްރާމް މެދުވެރިކޮށެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ހެރިއަޓްގެ އަނގަމަތި ފަޅައިގެން ގޮސް ލޭ އަންނަ މަންޒަރާއި ފައިގެ ފަލަމަސް ގަނޑަށް ލިބިފައިވާ ޒަޙަމްތައް ފެންނަން ހުއްޓެވެ.

މި މައްސަލައާއި ގުޅިގެން ގްރީންވުޑް ހައްޔަރުކޮށްފައި ވާއިރު، އޭނާއަށް މިހާރުވަނީ އިތުރު ތުހުމަތުތަކެއް ވެސް ކޮށް ފައެވެ. އެއީ އޭނާގެ ލޯބިވެރިޔާ ހެރިއެޓް ރޮބިންސަން އަށް މަރުގެ އިންޒާރު ދިންކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލާއި ގުޅިގެން ފުލުހުން ވަނީ ގްރީންވުޑާއި ސުވާލުކުރަން ފަށާފައިވާ ކަށް ރިޕޯޓުތައް ބުނެއެވެ.

އަދި މި މައްސަލާގެ ތަހުޤީޤު ނިމެންދެން އޭނާގެ ބަންދުގެ މުއްތަދު އިތުރު ކުރަން ނިންމާފައިވާ ކަމަށް ވެސް މެންޗެސްޓާ ފުލުހުން ނާއި ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.

މި މައްސަލަ އާއި ގުޅިގެން ގްރީންވުޑްގެ މިހާރުގެ ކުލަބު ޔުނައިޓެޑުން ވެސް ވަނީ އޭނާއަށް ވަގުތީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މައްސަލަ ވަކި ގޮތަކަށް ނިމެންދެން ކުލަބުގެ ހުރިހާ ހަރަކާތަކުން ގްރީންވުޑް ވަނީ އެކަހިކޮށްފައެވެ.

މީގެ އިތުރުން ފީފާ 22 ވީޑިއޯ ގޭމްގެ އެކްޓިވް ސްކޮޑުން ވެސް ގްރީންވުޑް ވަނީ ވަކިކޮށްފައި ކަމަށް އިލެކްޓްރޮނިކް އާޓްސް އިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ގްރީންވުޑާއި އޭނާގެ މަންދޫބުންގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް