ތަރައްޤީއަށް ގެންގުޅުއްވާ ތަސައްވުރު ރިޔާސީ ބަޔާނުގައި ރައީސް ހާމަކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވާ ރިޔާސީ ބަޔާނުން ކުރިއަށްއޮތް އަހަރަށް އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރު ހާމަކުރައްވާނެކަމަށް ރައީސު އޮފީހުން ހާމަކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލ...

02 Feb 2022 | 10:04

ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވާ ރިޔާސީ ބަޔާނުން ކުރިއަށްއޮތް އަހަރަށް އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރު ހާމަކުރައްވާނެކަމަށް ރައީސު އޮފީހުން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ ބާއްވަން ތާވަލު ކުރެވިފައި ވަނީ މާދަމާ ހެނދުނު 09:00 ގައި މަޖިލިސްކުރާ ގޭގައެވެ.

ޖަލްސާގެ އެޖެންޑާ ހަމަޖެހިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާ ފައްޓަވައި ދެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވާ ގޮތަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާނާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޞާލިޙްގެ ރިޔާސީ ބަޔާނުގައި ރާއްޖޭގެ ހާލަތަށް ތަފްސީލްކޮށް އަލިއަޅުއްވާލައްވާނެކަމަށެވެ.

މިގޮތުން މިދިޔަ އަހަރު ރާއްޖޭގެ ތަރައްޤީއަށް ކުރައްވާފައިވާ މަސައްކަތްޕުޅާއި، ކުރިއަށް އޮތް އަހަރަށް އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރު ވަރަށް ބޮޑަށް ސާފުވެގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ކޯވިޑުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކަށްވެސް ރައީސްގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ކޮންމެ އަހަރަކު، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ. ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސްގެ ރައީސް އެދުވަހުގެ ޖަލްސާ ނިންމަވައިލައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް