ސެޕަރޭޝަން އެންޒައިޓީއަކީ ކޮބާ !؟

ސެޕަރޭޝަން އެންޒައިޓީ އަކީ ޕްރައިމަރީ ކެއަރގިވަރ (މަންމަ/ކުޑަކުއްޖަކު އެންމެގިނަ ވަގުތު އެމީހަކާއެކު ހޭދަކުރާ) އާއި ދުރުވުމުގެ ބިރު، ނޫނީ އިރުކޮޅަކަށް ނަމަވެސް އެމީހަކު ފެންނަން ނެތުމުގެބިރު ހީވުމެވެ....

02 Feb 2022 | 08:38

ސެޕަރޭޝަން އެންޒައިޓީ އަކީ ޕްރައިމަރީ ކެއަރގިވަރ (މަންމަ/ކުޑަކުއްޖަކު އެންމެގިނަ ވަގުތު އެމީހަކާއެކު ހޭދަކުރާ) އާއި ދުރުވުމުގެ ބިރު، ނޫނީ އިރުކޮޅަކަށް ނަމަވެސް އެމީހަކު ފެންނަން ނެތުމުގެބިރު ހީވުމެވެ. އަދި މީގެ އިތުރުން އެކި އެކި ނޭދެވޭ ޚިޔާލުތައްއައިސް ހިތްނުތަނަވަސްވުމެވެ. މިއީ ކުޑަކުދިން ނޫނީ ޅަ އުމުރުފުރާގެ ކުދިން ހެދިބޮޑުވުމުގެ ތެރޭގައި އަންނަ ސްޓޭޖެކެވެ.  އާންމު ގޮތެއްގައި އުމުރުން ހަ މަހާއި ތިން އަހަރާ ދެތެރޭ ދިމާވާ ކަމެކެވެ. އުމުރުން ތިން އަހަރުން ފެށިގެން ސެޕަރޭޝަން އެންޒައިޓީގެ އަލާމަތްތައް ފިލަންފަށައެވެ.

ނަމަވެސް ބައެއްކުދިންގެ މި އެންޒައިޓީ ދިގުމުއްދަތަކަށް ދެމިގެެންދެއެވެ. ޕްރީސްކޫލް އުމުރުފުރާގައި އާއި އެޔަށްވުރެ ބޮޑު ވާންދެން މި އެންޒައިޓީ ދިގުދެމިގެން ދެއެވެ. މީގެ ސަބަބުން ސްކޫލަށްދާން ޖެހިލުންވުމާއި އެކި ސޯޝަލް ކަންކަމުގައި ބައިވެރިވެ ގެއާދުރުގައި ގިނަވަގުތު ހޭދަކުރުމަށް އުނދަގޫވެއެވެ. ބައެއްފަހަރު މިއަށްވުރެ ބޮޑުވަރުވެ ޕެނިކް އެޓޭކް ވެސް ޖެހެއެވެ.

ބޮޑުމީހަކަށްވާއިރުވެސް މި އަލާމަތްތައް ފެންނަނަމަ އެއީ އެޑަލްޓު ސެޕަރޭޝަން އެންޒައިޓީ ޑިސްއޯރޑަރ އެވެ.

ސަޕަރޭޝަން އެނަޒައިޓީ ޑިސްއޯރޑަރ އަކަށްބަދަލުވަނީ ކީއްވެ؟

ތަޖުރިބާކާރުން ބުނާގޮތުގައި ސެޕަރޭޝަން އެންޒައިޓީ އަކީ ބައެއްފަހަރު ޖެނެޓިކަލީ ވާރުތަކުރާ ކަމެކެވެ. އަދި އަނެއްބައިފަހަރު އުޅޭ މާހައުލުގެ ސަބަބުން ދިމާވާ ކަމެކެވެ. ސިކުނޑިއަށް ވަރަށްމުހިއްމު ދެ ކެމިކަލްއެއްކަމަށްވާ ( ނޮރެޕަނިފްރިން، ސެރޮޓޮނިން) އިމްބެލެންސް ވުމުގެ ސަބަބުންވާ ކަމެކެވެ.

މަންމަ ނުވަތަ ބައްޕައަކީ އެންޒައިޓީ ހުންނަ މީހެއްނަމަ ދަރިފުޅުގެ ޅައުމުރުގައި ސެޕަރޭޝަން އެންޒައިޓީ ހުރުން އެކަށީގެންވެއެވެ.

އަލާމަތްތައް:

  • އެކަނި ނިދަން ޖެހިލުންވުން
  • ހިތްނުތަނަވަސްވާ ހުވަފެންފެނުން
  • އާއިލާގެ މެންބަރަކާނުލާ ޚާއްސަކޮށް މަންމަ ނޫނީ ބައްޕަ ނުލާ އެއްވެސްތާކަށްދާން ބޭނުންނުވުން، ނުވަތަ ޖެހިލުންވެ ބިރުގަތުން.
  • ސްކޫލަށް ނުދާން އުޅުން/ ސްކޫލްއަށް ގެންދެވުނަސް ފެމިލީމީހަކު ސްކޫލްގައި މަޑުކުރަން ބޭނުންވުން
  • ބޮލުގަ ރިއްސުން/ބަނޑުގަރިއްސުން. (މެޑިކަލް މާބޮޑު ސަބަބަކާނުލާ)
  • މަންމަ ނޫނީ ބައްޕައާއި ވަކިވާގަޑީގައި ވަރަށްގިނައިން ރޮއިހެދުން
  • ގެއަށް ދުރުމީހުން އައުމުން ޖެހިލުންވުން (ކޮޓަރިން ބޭރަށް ނުނިކުންނަން އުޅުން)

ސެޕަރޭޝަން އެންޒައިޓީ ހުންނަ ކުއްޖަކަށް އެހީވާނީ ކިހިނެއް؟

  • ދަރިފުޅު ބަހައްޓާފައި ތާކަށް ދާނަމަ ދާންއުޅޭ ވަގުތު ދައްކާވާހަކަ މަދުކުރުން. ( ގެއިން ނުކުންނަން އުޅޭވަގުތު ކުއިކް ގުޑްބާއީ އަކުން ވަކިވުން)
  • ކޮންސިސްޓެންޓްވުން ނުވަތަ އެއް ޝެޑިއުލްއެއް ކޮންމެދުވަހަކުވެސް ފޮލޯކުރުން. މިހެންކަންތައްކުރުމުން ދަރިފުޅަށް ވާންއުޅޭގޮތް ލަފާކޮށްލާ މެންޓަލީ އެކަމަށް ތައްޔާރުވާން ފަސޭހަވާނެއެވެ.
  • ސަމާލުކަންދިނުން: ދަރިފުޅާއިއެކު ހޭދަކުރާ ވަގުތުތަކުގައި ދަރިފުޅަށް ފުލްއެޓެންޝަން ނޫނީ ސަމާލުކަން ދިނުން. އެންމެ ކުދިކަންކަމުން ފެށިގެން ބޮޑެތިކަންކަމަށް ސަމާލުކަންދީ ދަރިފުޅުގެ އިހުސާސްތައް އެހުން
  • ދަރިފުޅުގެ އިތުބާރު ހޯދުމައްޓަކައި ދަރިފުޅުކައި ދައްކާވާހަކައާއި އެއްގޮތައް އަމަލުތައް ބެހެއްޓުން. ކަމެއްކޮށްދޭންބުނެވިއްޖެނަމަ އެގޮތަކަށް އެކަމެއް ކޮށްދޭން މަސަތްކަތްކުރުން. އަދި ވަކިގަޑިއެއްގައި އަންނަން ބުނެފިނަމަ އެގަޑިއަކަށް އަންނަން މަސަތްކަތްކުރުން. އަދި އެހެންކަންތައްނުވެއްޖެނަމަ އެކަންދަރިފުޅަށް ކިޔާދިނުން.
  • އެންމެ ކުޑައިރުންފެށިގެން ސެޕަރޭސަން ޓައިމް ޕްރެކްޓިސް ކުރުން. ( މާމަގެއަށް ނޫނީ އެހެންވެސް އިތުބާރު ކުރެވޭ މީހަކާއެކު ދަރުފުޅު ވަގުތުހެދަކުރަން ދިނުން)
  • އަލާމަތްތައް މާބޮޑައް އިތުރުވެ ދަރިފުޅަށް ބޮށްވަރުވާނަމަ ޑޮކްޓަރެއްގެ ލަފާހޯދުން.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް