ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާދަމާ އުފާވެރި ހަބަރެއް ލިބެނީ!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވަވާ ރިޔާސީ ބަޔާނުން އުފާވެރި ހަބަރެއް ލިބޭނެ ކަމަށް އުންމީދު ކުރެވެ އެވެ. މާދަމާ އަކީ މިއަހަރަށް ރައްޔިތުންގެ މަޖ...

02 Feb 2022 | 07:54

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްވަވާ ރިޔާސީ ބަޔާނުން އުފާވެރި ހަބަރެއް ލިބޭނެ ކަމަށް އުންމީދު ކުރެވެ އެވެ.

މާދަމާ އަކީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބާއްވާ ފުރަތަމަ ޖަލްސާ އޮންނަ ދުވަހެވެ. މި ޖަލްސާގައި ގައުމުގެ މުހިންމު ކަންކަމާއި ގުޅޭގޮތުން ރައީސް ރިޔާސީ ބަޔާން އިއްވަވާނެ އެވެ.

"ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާގެ ރިޔާސީ ބަޔާނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުންދާ އިނާޔަތް ބޮޑު ކުރަން ނިންމައި އެކަން ރައީސް އިއުލާނު ކުރައްވާނެ އެވެ. އެކަމަކު އެ ބޮޑު ކުރަން ނިންމާފައިވަނީ ކިހާވަރެއް ކަމެއް ސާފެއް ނުވެ އެވެ.

މިހާރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން އިނާޔަުގެ ގޮތުގައި ދެނީ2،000 ރުފިޔާ އެވެ. މި އަދަދު ކުޑަކަމުން ފެށުނީންސުރެ އެ ފަރާތްތަކުން ދިޔައީ ޝަކުވާ ކުރަމުންނެވެ.

މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ބައްދަލުވުމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ކުޑަ މައްސަލަ އާއި އިތުރު ޝަކުވާތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ބައްދަލުވުމުގައި އެ މީހުން ދިރިއުޅުމަށް ކުރަން ޖެހޭ ހަރަދުތަކަށް ބަލާއިރު މިހާރު ދެމުންދާ އެލަވަންސް ކުޑަ މައްސަލަ އާއި އޭގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ރައީސް އަށް ދެންނެވި އެވެ. އަދި އެ މީހުންނަށް ފަރުވާ އާއި އިތުރު ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ވެސް ރައީސާ ވަނީ ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން މާލީ އެހީތެރިކަން އިތުރުވެއްޖެ ނަމަ އެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުންޏެވެ.

އެ ޝަކުވާތައް އަޑު އެއްސެވުމަށް ފަހު ރައީސް ވަނީ، އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް