ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމުގައެވެ.އަދި މިހާރު ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށިލުން ހިމެނޭކަމުގައި އެމްޓީސީސީން ބުނެއެވެ.
އަދި 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 53.1 މިލިއަން ރުފިޔާގެ މަޝްރޫޢެއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް