ބައި އިލެކްޝަންގައިވެސް ކޮވިޑަށް ޕޮޒިޓިވް މީހުން ވޯޓުލާން ހާއްސަ އެއް ގަޑިއިރު

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް މީހުން ވޯޓްލާން ހާއްސ...

01 Feb 2022 | 19:52

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް މީހުން ވޯޓްލާން ހާއްސަ ވަގުތެއް އިލެކްޝަން ކޮމިޝަން (އީސީ) އިން ހަމަޖައްސައިފިއެވެ.

އީސީ އިން މިރޭ ކުރި އިއުލާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމަށް ކަނޑައެޅިފައިވަނީ އެއްގަޑި އިރު ކަމަށެވެ.

އެގޮތުން އީސީ އިން ބުނީ ކޮވިޑަށް ޕޮޒިޓިވް ފަރާތްތަކުން ވޯޓުލާން ކަނޑައަޅާފައި ވަނީ އެ ދުވަހުގެ ހަވީރު ތިނަކުން ހަތަރަކަށެވެ.

މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް މީހުން ވޯޓުލާ މަރުކަޒަށް އަންނައިރު އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އައުމަށްވެސް އީސީ އިން އިލްތިމާސްކުރެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ވަގުތު ކުޑަތަންވަމުން އަންނައިރު ކެމްޕޭނުގެ ފޯރި އަންނަނީ ގަދަވަމުންނެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމް އާއި، އެމްއެންޕީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުންވެސް ކެނޑިޑޭޓަކު ވާދަކުރެއެވެ.

ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ސަރުކާރުން މި ފަހުން ގިނަ މަޝްރޫޢުތަކެއް ފަށަން އިއުލާނުކޮށްފައި ވެއެވެ.

އެގޮތުން ދެ ކޮަމަންޑޫ ގުޅާލުމާއި، ފުޓްސަލް ދަނޑުތައް ހެދުމާއި، ބަނދަރުތައް އަޕްގްރޭޑް ކުރުމާއި، އެ ދާއިރާގެ ތިން ރަށުގައި ފެނާއި ނަރުދަމާ އެޅުމާއި ކޮމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމުކުރުމާއި، ކޮމަންޑޫ ކައިރި ތިން ރަށުގައި ރިސޯޓު ހެދުން ހިމެނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވޯޓުލުން ކުރިއަށް ގެންދާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް